އެމްޑީޕީގެ ރައީސްއަށް މާ ގިނަ ދުވަސްވެއްޖެ، ޕާޓީގެ ރައީސްކަން ބޭނުން: އަލްހާން

24 Apr 2021 | 09:57

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ރައީސްގެ މަޤާމަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަޤާމުގައި އެއް ބޭފުޅަކު ހުންނަވާތާ މާ ގިނަ ދުވަސް ވެފައިވާ ކަމަށާއި، އޭނާ އެޕާޓީގެ ރައީސްކަން ބޭނުންވެލައްވާ ކަމަށެެވެ.

"އަޅުގަނޑު އެމްޑީޕީގެ ރައީސްކަން ބޭނުން. މިހާރުގެ ޕާޓީގެ ރައީސްއަށް މާގިނަ ދުވަސް ވެއްޖެ" އަލްހާން ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވި ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ލީޑަރޝިޕުން ފެއަށްޖެހިވަޑައިގަންނަވަން ޖެހޭ ކަމަށްވެސް އަލްހާން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރައީސް ކަމަށް އަލްހާން ޝައުގުވެރިކަން ފާޅުކުރެއްވިއިރު، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، މާލޭގެ މޭޔަރު ކަމަށް އޭނާ ވަނީ އަމިއްލަ ގޮތުން ވާދަކުރައްވައިފައެވެ. އަލްހާންއަށް ލިބިވަޑައިގަތީ 275 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ އެންމެ އިންސައްތަ އެކެވެ.

މި އިންތިޚާބުގައި މޭޔަރުން ހޮވުމަށް 51،702 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، އިންތިޚާބުގައި ވޯޓުލާފައި ވަނީ 21،091 މީހެކެވެ. އޭގެ ތެރެއިން 970 ވޯޓު ބާޠިލުވެފައި ވާތީ، ސައްޙަ ވޯޓަކީ 20،116 ވޯޓެކެވެ. 

Advertisement

ކޮމެންޓް