ސަރުކާރުން އަދިވެސް ބަލި ގަބޫލެއް ނުކުރޭ: ސައީދު

25 Apr 2021 | 21:49

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އުޅެނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ބަލި ގަބޫލު ނުކުރެވިގެން ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ވަނީ މާލެ ސިޓީން ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ.

އިންތިޚާބަށްފަހު، އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށް ގެންދާ އިހުތިޖާޖުތައް އަލުން ފަށާފައިވާއިރު، ކުރިއެކޭވެސް އެއްގޮތަށް، ގިނަ އަދަދެއްގެ ފުލުހުން އެއްވުންތައް ރޫޅާލުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ރޭ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ބޭއްވި އެއްވުމުގެ ބައިވެރީންގެ ތެރެއިން 10 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަަލަށް ގެންގޮސްފައިވެއެވެ. އަނިޔާ ލިބުނު ބައެއް މީހުންގެ ފޮޓޯތައް ހިއްސާ ކުރައްވައި ސައީދު ވަނީ، މިއީ މިނިވަންކަމާއިއެކު ޚިޔާލުފާޅު ކުރުމުގެ އަގުތޯ ސުވާލު ކުރައްވައިފައެވެ.

ޑިމޮކްރަސީގެ އުސޫލުތަކަށް ބޯލަނބާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިނަމަވެސް، އެމަނިކުފާނުގެ ޢަމަލުން އެކަން ނުފެންނާތީ، އެމަނިކުފާނުގެ ޙަޤީޤަތް ދުނިޔެއަށް އެނގެންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައީދު ކުރެއްވި ޓްވީޓްގައި އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިންޑިއަން ހައިކޮމިޝަނާއި، ބްރިޓިޝް ހައިކޮމިޝަންގެ ރަސްމީ ޓްވިޓަރ އެކައުންޓްތައް ޓެގްކުރައްވާފައިވެއެވެ. 

Advertisement

ކޮމެންޓް