އެމްއެމްޕީއާރްސީގެ މައްސަލައިގައި ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

27 Apr 2021 | 15:15

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮތުގައި ރައީސް މުހައްމަދު ނަޝީދަށް އިނދެވޭނަމަ ބައްލަވާނެ ކަމަށާއި، އެ މައްސަލަ ބަލައިފިނަމަ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އިންނަވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައިގައި ހިމެނެނީ "ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް" މަޖިލީހުގެ ރިޔާސަތުގައި އިންނަވާހާ ހިނދަކު ބައްލަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މިލިއަން ޑޮލަރު ނާޖާއިޒް ގޮތުގައި ޢިއްޒަތްތެރި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނަށާއި އަދި އެހެން ވެސް އިދާރާތަކުގެ އެތައް ބަޔަކަށް ލިބުނުކަން ވަރަށް ތަފްސީލްކޮށް ހެއްކާއި ގަރީނާއާއެކުގައި ވާނީ ސަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން 270 މީހުންނަށް ދަޢުވާ ކުރުމަށް މިހާރުވެސް ފާހަގަވެފައިވާ ކަމަށާއި، އެ ދަޢުވާތައް ކުރިއަށް ދާނެކަމީ އެމަނިކުފާނު ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އިއްޒަތްތެރި ބައެއް ބޭފުޅުންގެ ގޮނޑި ގެއްލިދާނެ. މަގާމު ވެސް ގެއްލިދާނެ، އަދި އަނެއްބައި ބޭފުޅުންނަށް އިތުރު ގޮތްގޮސް ވެސް ވެދާނެ، އެހެން ނަމަވެސް މި ސަރުކާރު ވެސް މި މަޖިލިސް ވެސް އުފެދިފައި މިއޮތީ މި މަސައްކަތް އަޅުގަނޑުމެން ކުރުމަށް" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ވަރަށް ގިނަ އާއްމު ރައްޔިތުން އެމަނިކުފާނާއި ސުވާލު ކުރައްވާ ކަމަށާއި އެމައްސަލަ އަކީ މުޅި ރާއްޖޭގެ ނަޒަރު ހުއްޓިފައި އޮތް މައްސަލައެއް ކަމަށެވެ.

Advertisement

ކޮމެންޓް