މަސައްކަތްކުރާނެ ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދެވޭނީ ކޮންއިރަކު؟

01 May 2021 | 12:32

މަސައްކަތުގެ މާޙައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރަންޖެހޭ ވާހަކަތަކަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެކެވެ. ވަކިން ޚާއްޞަކޮށް، ފާހަގަކުރެވޭ މުހިންމު މުނާސަބަތުތަކާއި ގުޅިގެން މިކަމުގެ ވާހަކަތައް ވަރަށް އަޑުހަރުކޮށް އަބަދުވެސް ދެކެވެއެވެ. ކުރާ މަސައްކަތާއި އެކަށީގެންވާ މިންވަރެއްގެ އުޖޫރައާއި ވަޒީފާގެ ކުރިއެރުންތައް ލިބުމަކީ ވަޒީފާގެ މާޙައުލުގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު، މިންތީގެ ހަމަހަމަކަން ޤާއިމުކުރަންޖެހޭ ހަމައެކަނި ގޮތްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ރާއްޖޭގެ އަދި ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާލައިފި ނަމަވެސް، ވަޒީފާގެ މައިދާނުގައި މިފަދައިން ހަމަހަމަކަން ޤާއިމުކުރުމުގެ ކަންތައްތައް އެންމެ އެކަށީގެންވާ މިންވަރަށް ކުރެވޭތަން ފެންނާކަށް ނެތެވެ. އެހެނަސް އެކަމުގައި އެއްވެސް މިންވަރަކަށް ކުރިއެރުމެއް ހޯދާފައި ނެތޭ ބުނުން ވެގެންދާނީ ދޮގަކަށޭ ދެންނެވިދާނެއެވެ.

ވަޒީފާގެ މާޙައުލުގައި ޖިންސަށް ބެލުމެއް ނެތި އެކަށީގެންވާ އުޖޫރައާއި ކުރިއެރުންތައް ލިބުމަކީ މުހިންމުކަމެއް ކަމާއި މެދު ދެބަސްވެވެން ނެތެވެ. ނަމަވެސް އެއީ ވަޒީފާގެ މައިދާނުގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރާނެ ހަމައެކަނި ގޮތްކަމުގައި ދެކުމަކީ ކުށްހީއެކެވެ. ކޮންމެ ޖިންސެއްގެ މުވައްޒަފަކަށްވެސް ރައްކާތެރި މާޙައުލެއްގައި ވަޒީފާ އަދާކުރުމުގެ ޙައްޤު އޮންނަންވާނެއެވެ. އެކަމުގައި ހަމަހަމަކަން ޤާއިމުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ.

ޒަމާނާއި މުޖުތަމަޢަށް އައި ބަދަލުތަކާއި އެކު، ވަޒީފާގެ މައިދާނަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ. މިއަދު އަންހެނުންކީ ފިރިހެނުންނާއި އެއްފަދައިން ވަޒީފާތަކަށް ނުކުމެ ޢާއިލާއަށް އާމްދަނީ ހޯދައިދިނުމުގައި ހަރަކާތްތެރިވާ ޤާބިލު ފަރާތްތަކެކެވެ. ފިރިހެނުންވެސް އެކިކަހަލަ ޖެއްސުމާއި ފުރައްސާރަތަކުން ދުރުހެލިވެފައިވާ މަސައްކަތު މާޙައުލެއް އެދޭނެ ފަދައިން، އަންހެނުންވެސް އެފަދަ މާޙައުލަކަށް އެދޭނެއެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ ގިނަފަހަރަށް އެފަދަ މާޙައުލެއް ޤާއިމުވެފައި ނޯންނަކަމެވެ.


ވަޒީފާގެ މާޙައުލުގައި އަންހެނުންނަށް ގޯނާކުރުމާއި ފުރައްސާރަކުރުން: "އޯކޭ" ކޮށްލެވިފައިވާ ކަންބޮޑުވާފަދަ މައްސަލައެއް!

ވަޒީފާގެ މާޙައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރުމުގެ ވާހަކަ ދައްކާއިރު، އަންހެނުންނަށް ވަޒީފާގެ މާޙައުލުތަކުގައި ދިމާވާ ބައެއް ކަންކަމަށް ނަޒަރު ހިންގާލުމަކީ މުހިންމު ކަމެކެވެ. ދިވެހިރާއްޖޭގެ މުޖުތަމަޢުގެ ކަންތައްތައް ބިނާވެފައި އޮންނަގޮތުން، ތަންތަނުގެ އިސް މަޤާމުތަކުގައި ނިސްބަތުން އަދިވެސް ގިނައީ ފިރިހެނުންނެވެ. މިފަދައިން ތިބޭ ބައެއް ފިރިހެނުންނާއި އެކުގައި މަސައްކަތްކުރާ އެހެނިހެން ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ކުރިމަތިވާ އެކި ކަހަލަ ގޯނާތަކާއި ފުރައްސާރަތަކުގެ ވާހަކަތައް ގިނަފަހަރަށް އޮންނަނީ "އެންމެން ދަންނަ ބޮޑު ސިއްރެއްގެ" ގޮތުގައި ލޭބަލްވެ ނިމިފައެވެ.

މިފަދަ ގޯނާތަކާއި ފުރައްސާރަތަކުގެ ބާވަތްތައް ކިތަންމެހާވެސް ގިނައެވެ. އަންހެން މުވައްޒަފުންނަށް އުނދަގޫވާ ފަދައިން އަނގަބަހުން އެމީހުންނަށް މައްލަވަކޮށް ފުރައްސާރަކޮށް ހަދާފާނެއެވެ. ބައެއް ފަހަރަށް މިކަންތައް ގައިގައި އަތްލާ ހިސާބަށްވެސް ދެއެވެ. އަނެއްބައި ފަހަރަށް، ވަޒީފާގެ ކުރިއެރުމުގެ ބަދަލުގައި ގޯސް ޢަމަލުތަކެއް ކުރުމަށް ހުށައަޅާފާނެއެވެ. އެފަދަ ކަމެއް ނުކޮށްފިނަމަ ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރުދީ، ކަނޑާލައި އަދި ދޮގު ތުހުމަތުތަކެއް އަޅުވައި އަބުރު ކަތިލައެވެ. މިފަދަ ކަންތައްތައް ކުރުމުގައި އޮފީހުގެ އިސްވެރިންގެ އިތުރުން އެހެން ފިރިހެން މުވައްޒަފުންވެސް ބައިވެރިވެއެވެ. ބައެއް ފަހަރަށް، އެފަދަ ކަންކަމަށް ހިތްވަރުދޭން އަންހެން މުވައްޒަފުންވެސް ތިބޭކަން ހިތާމައާއި އެކު ފާހަގަކޮށްލެވެއެވެ.

އަންހެނުންނަށް ވަޒީފާގެ މައިދާނުގައި ދިމާވާ ގޯނާގެ ކަންތައްތައް ކަންބޮޑުވާފަދަ ޖިނާއީ ކުށްތަކާއި ހިސާބަށްވެސް ގޮސްފައި އެބަހުއްޓެވެ. އެގޮތުން ބައެއް ފަހަރަށް އޮފީހުގެ އެހެން ފަރާތްތަކުގެ ކިބައިން އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ލިބިފައިވާ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.

މީގެ އިތުރުން ވަޒީފާ އަދާކުރާ މާޙައުލުގެ ބޭރުންވެސް އަންހެން މުވައްޒަފުންނަށް އެކިކަހަލަ ގޯނާތަކާއި ފުރައްސާރަތައް ދިމާވުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އޭގެ ތެރޭގައި ވަޒީފާ އަދާކުރާ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކާއި ވަޒީފާގެ ގޮތުން ރަސްމީ ސިފައެއްގައި ގުޅުންތައް ބަދަހިކުރާ އެހެން އޮފީސްތަކާއި ތަންތަނުގެ މުވައްޒަފުންވެސް ފާހަގަކޮށްލެވެއެވެ. މިފަދައިން ދިމާވާ ކޮންމެ މައްސަލައަކީވެސް ކަންބޮޑުވާފަދަ ކަމެކެވެ. އެފަދަ އެއްވެސް ހާދިސާއަކީ ކުޑަކޮށްލެވިގެން ވާނެފަދަ ކަމެއް ނޫނެވެ. ނަމަވެސް ޙަޤީޤަތަކީ އެފަދަ ކަންކަމަށް ބީރުކަންފަތެއް ދެވޭކަމެވެ. ނުވަތަ އެފަދަ ކަންކަން ދިމާވުމުންވެސް އެންމެ އެކަށީގެންވާ ފިޔަވަޅުތައް ނޭޭޅިގޮސް، މައްސަލަތައް ރިޕޯޓުކުރަން ފަސް ޖެހިގެން ދިއުމެވެ.


ޤާނޫނުތައް އޮވޭ، އެކަމަކު ފެންނަނީ ކޮން ނަތީޖާއެއް؟

މަސައްކަތުގެ މާޙައުލުގައި ދިމާވާ ޖިންސީ ފުރައްސާރަ އަދި ގޯނާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަން ބަލައިގަނެ، އެކަންކަމާއި ދެކޮޅަށް ޤާނޫނީ ޙައްލުތަކެއްވެސް ވަނީ އެކަށައެޅިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދައުލަތުގެ އިދާރާތަކުގައި އޮންނަންޖެހޭ "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ"އެވެ.

ޤާނޫނު ނަަންބަރު 16/2014، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި އޮންނަގޮތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށްޓަކައި، 30 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި އަދި، ކޮންމެ މަރުކަޒެއްގައި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަންވާނެއެވެ. އެގޮތުން ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ޤާނޫނުން އުފައްދާފައިވާ ކޮންމެ ކޯޓެއްގައި އޮތުން ލާޒިމުވެގެންވެއެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ޝަކުވާ ކޮމެޓީއެއް އެކުލަވާލަން ޖެހޭއިރު، ޝަކުވާ ކޮމެޓީއެއް އުފައްދާފައިނުވާ ތަންތާނގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތަކާބެހޭ މައްސަލަތައް ހުށަހަޅާނީ ޓްރައިބިއުނަލަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިފަދަ ކޮމެޓީތައް އުފައްދައި، ހަރަކާތްތެރިކަމާއިއެކު ހިނގަނީ ކިތައް މުއައްސަސާތަކުގައިތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދައުލަތުގެ އެތަކެއް އިދާރާތަކުގެ އިސްވެރިންގެ ފަރާތުން ޖިންސީ ގޯނާ އަދި ފުރައްސާރަ ކުރިމަތިވި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު މިއިން ކޮމެޓީއަކުން އެޅި ފިޔަވަޅެއް ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ މިފަދަ ކޮމެޓީތަކުންވެސް ވެރީން ދެކެ ބިރުން ހަރަކާތްތެރިނުވެ ތިބިތަނެވެ.


ކޮންމެ ޖިންސެއްގެ މުވައްޒަފަކަށްވެސް އެއްވެސް ބިރުވެރިކަމެއް ނެތި އަބުރުވެރިކަމާ ރައްކާތެރިކަމާއިއެކު ވަޒީފާގެ މާޙައުލުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު އޮންނަންވާނެއެވެ. އެފަދަ ކަންކަމަށް މަގުފަހިކޮށްދީ، އެކަންކަމަށް ހުރަސްއަޅާ ފަރާތްތަކަށް ޤާނޫނު އަރާހަމަ ކުރާނެކަން ކަށަވަރުކުރުމަކީ ދައުލަތުގެ ވަރަށް ބޮޑު ޒިންމާއެކެވެ. އެފަދަ ކަންކަމަށް އަދަބު ނުލިބި ރެކެވޭނަމަ، އެ ޤާއިމުކުރެވެނީ ނުރައްކާތެރި ޕްރެސިޑެންޓެކެވެ. އެ ވެވެނީ ބޮޑު އިހުމާލެކެވެ. ވަޒީފާގެ މާޙައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަކީ ހަމައެކަނި މުސާރައާއި މަޤާމުގެ ގޮތުން އެއްވަރުވުމެއް ނޫނެވެ.

Advertisement

ކޮމެންޓް