ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލޭގައިވެސް ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ރައީސް މައުމޫން
ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި މާލެ ސަރަހައްދުގައި ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އެކަމާއި ކަންބޮޑުވެވަޑައިގެން ކުރެއްވި ޓުވީޓެއްގައެވެ. އިއްޔެގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އިއްޔެގެ 6 ޖެހުމާއި ހަމައަށް އެކަނިވެސް 508 މީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ.
އެކަމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރަށްރަށަށް ދަތުރުކުރުން މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކޮންމެހެން ވެސް އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ.
"މާލޭގައި ވެސް ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަަޅަން ޖެހޭ، ނޫނީ މާ ލަސްވެދާނެ،" މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރޭ ނިސްބަތް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން، އެޗްޕީއޭއިން ވަނީ މާދަމާއިން ފެށިގެން ހަފުތާއެއްގެމުއްދަތަކަށް މާލެ ސަރަހައްދުގެ ރަށްރަށް ފިޔަވައި އެހެން ރަށްރަށަށް ދަތުރު ކުރުން މަނާ ކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists