ޕޭޕަރުތައް ލީކުވާ މައްސަލަ ދެން ކުރިމަތި ނުވާނެކަމުގެ ޔަގީންކަމެއް އެޑެކްސެލްއިން ވަނީ ދީފައި: އިހުސާން

03 May 2021 | 12:15

ޕޭޕަރުތައް ލީކުވެ ދެކެވުނު ވާހަކަތަކާއި ގުޅިގެން ހޯމަ ދުވަހުން ފެށިގެން އެފަދަ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމުގެ ބޮޑު ޔަގީންކަމެއް އެޑެކްސެލްއިން ދީފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވީ އޭލެވެލް ޕޭޕަރުތައް ލީކުވި މައްސަލައިގައި އެޑެކްސެލްއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، އިތުރު ޕޭޕަރެއް ލީކް ނުވާނެ ކަމުގެ ޔަޤީންކަން އެޑެކްސެލްއިން ދީފައިވާ ކަމަށާއި، އެޑެކްސެލްއަކީ އިންޓަރނޭޝަނަލް ބޮޑީއެއް ކަމުން ގޮތް ނިންމާ އެންމެ ފަހު ފަރާތަކީ އެޑެކްސެލް ކަމަށާއި އެ ނިންމުން ބަދަލު ކުރުމުގެ ބާރު ރާއްޖެއަށް ނޯންނާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އަދި ރާއްޖެއިން ހުށައަޅާފައިވާނީ އެ އިމްތިހާނުތައް އަލުން ހެދުމަށްކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.

އޭލެވެލް އިމްތިހާނުގެ ދެތިން މާއްދާއެއްގެ ޕޭޕަރުތައް ވަނީ ލީކުވެފަ އެވެ. ޕޭޕަރުތައް ލީކްވެފައިވަނީ ރާއްޖޭގައި މި މާއްދާތަކުގެ އިމްތިހާނު ބޭއްވުމުގެ ކުރިން ކަމަށް ވާއިރު މި ޕޭޕަރުތައް ލީކުވެފައި ވަނީ ރާއްޖޭގައި ނޫންކަމަށް އެޑިއުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

ފޮޓޯ: ރާއްޖެއެމްވީ

ކޮމެންޓް