ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ޚިދުމަތްތައް ލިބޭނެ

06 May 2021 | 00:49

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ކޯޓުތަކުން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަޙައްދުގެ ކޯޓުތަކާއި، ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ޚާއްޞަ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައްވެސް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން އެޗްޕީއޭ އިން ފިޔަވަޅުތަކެއް އެޅުމަށް ނިންމި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ޚިދުމަތްތައް މެދުނުކެނޑި އާންމުންނަށް ފޯރުކޮށްދިނުމަށް އެ ކޮމިޝަނުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ކޮވިޑު ކޭސްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.

އަދި އޭގެއިތުރުން ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހެދުމާއި ކުޅިވަރު މައިދާންތަކާއި، ޕާކުތައް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުން ހިމެނެއެވެ.

Advertisement

ކޮމެންޓް