ކޮވިޑާއި ގުޅިގެން ފަސް ރަށެއްގައި ކާފިއު ހިންގަނީ

07 May 2021 | 04:31

ކޮވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގެ ފަސް ރަށެއްގައި ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޅ. ނައިފަރާއި ކ. މާފުއްޓާއި އއ. މަތިވެރި އަދި އއ. އުކުޅަހާއި ބ. އޭދަފުށީގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އެ ރަށްރަށުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގާނެއެވެ.

އެގޮތުން އެ ފަސް ރަށުގައި ޕާޓީތަކާއި، ޙަފުލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން އަންގާފައިވާއިރު، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ވެސް ވަނީ އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ. ނަމަވެސް އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ނުހިމެނޭނެ އެވެ.

މީގެ އިތުރުން އެފަސްރަށުގައި ސެލޫންތަކާއި ބޯކޮށާތަންތަނާއި ޖިމުތައް ބަންދުކުރުމަށާއި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައްވެސް މެދުކަނޑާލަން ވަނީ އަންގާފައެވެ.

އެރަށް ރަށުގައި ފިރާތަކުން ޚިދުމަތްދޭ އިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވައިގެން ޚިދުމަތް ދިނުން ވަނީ މަނާކޮށްފައިވާއިރު އެތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.

އަތޮޅުތަކުން ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނަ އިރު މިއަދުގެ ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު އަތޮޅުތަކުން ވަނީ 167 މީހަކު ޕޮޒިޓިވް ވެފައެވެ.

Advertisement

ކޮމެންޓް