ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދޭން ގޮވާލި މައްސަލަ ބަލައިދިނުމަށް ޕީޕީއެމްއިން އެދިއްޖެ

08 May 2021 | 01:17

ކުރީގެ ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ގޮވާލާ ފޭސްބުކްގައި ލިޔެފައިވާ ފަރާތުގެ މައްސަލަ ބަލާ، ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޕީޕީއެމްއިން ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދީ ގޮއްވާލުމަށް ގޮވާލާ ޢަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެ ޝާއިޢުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.

އެ ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިފަދަ ނުރައްކާތެރި ޢަމަލު ހިންގުމަށް ގޮވާލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި އެފަދަ ފަރާތްތައް މުޖުތަމަޢު ތެރެއަށް ދޫވެފައި ތިބުމަކީ ޤައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިންގައިދާނެ ކަންކަން ކަމުގައި ދެކޭ ކަމަށެވެ.

އަދި މިފަދަ ނުރައްކާތެރި ޓެރަރިސްޓް ޢަމަލުތައް ހިންގުމަށް ގޮވާލާ ފަރާތްތަކުން އެކަން ކުރަނީ ކޮންމެ ފަދަ މަޤްޞަދެއްގައި ކަމުގައިވީނަމަވެސް، އެފަދަ މައްސަލަތަކަކީ ކުދި ކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެނަމަ، އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ލިބި އެފަދަ ނުރައްކާތެރި ޢަމަލުތައް ރާއްޖޭގައި ހިންގުމުގެ ފުރުޞަތު އިތުރުވެގެންދިއުމަކީވެސް އެކަށީގެން ވާ ކަމެއްކަމުގައި ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީން ގޭގައި ހުންނަވަނިކޮށް ގޮއްވާލަން ގޮވާލާ ފޭސްބުކް ގައި ލިޔެފައިވާ (ޢަލީ ޔާސިރު ނަމުގައި ފޭސްބުކް އެކައުންޓް ހަދައިގެން އުޅޭ) ފަރާތް ހޯދާ މިހާރުން މިހާރަށް ހައްޔަރުކޮށް މައްސަލަ ބަލާ ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެޕާޓީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް