ޙަޤީޤީ ވާހަކަ: ހިތި 26

15 May 2021 | 19:53

"އާނ..ނޭނގެ ހުޝާމް އަހަރެން އަދި ވެސް އެހާ ކޮމްފޮޓަބަލް އެއް ނުވޭ." އަހަރެންގެ ބޯ މަތީގައި އޮތް ހުޝާމްގެ އަތް ނެގީމެވެ. "އެނގޭ ޝަމްހާއަށް އުނދަގޫވާކަން. ލޯބިވާތީ އަތްލެވުނީ. ސޮރީ." ހުޝާމް މަޢާފަށް އެދުމަށްފަހު އިސްދަށަށް ޖަހާލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އެތަން ފެނިފައި އަހަރެން ވެސް ދެރަވިއެވެ. އަހަރެންގެ އަތުގައި އޮތް ފޯނު ބޭއްވުމަށްފަހު ހުޝާމް އާއި ތަންކޮޅެއް ކައިރިއަށް ޖެހިލީމެވެ. އަދި ހުޝާމްގެ އަތްމަތީގައި އަހަރެންގެ އަތް ބާއްވާލީމެވެ. އޭރުވެސް އަހަރެންގެ އަތް ހުރީ ދާހިއްލާ ފޯވެފައެވެ. ނަމަވެސް އަހަރެން ހިތްވަރުކޮށްފައި އެކަން ކުރީމެވެ. "ހުޝާމް އަހަރެން މާބޮޑަށް ގައިގޯޅިވެ އުޅޭކަށް ބޭނުމެއް ނޫން. މިވަރުވެސް މީ އަހަރެންނާއި ބަލާފަ ވަރަށް ބޮޑުވަރު." އަހަރެން ހުޝާމް އާއި ދިމާލަށް ހިނިތުންވެފައި ބަލާލީމެވެ. އެހިނދު އޭނާވެސް ހިނިތުންވެލިއެވެ.

އަހަރެން ލަންކާއަށް ފުރަން އޮތް ދުވަހު، ހުޝާމްއާއި އޭނާގެ ގާތް އެކުވެރިން އަހަރެން ފުރުވަން ދިޔައެވެ. ހުޝާމް ހިނިތުންވެލައިގެން ހުރި ނަމަވެސް، އޭނާގެ ލޮލުން ކިޔައިދެމުން ދިޔައީ މުޅީން ތަފާތު ވާހަކައެކެވެ. އޭނާ ހުރީ އަހަރެން ދާތީ ދެރަވެފައެވެ. ހުޝާމްގެ ފަރާތުން މި ކަހަލަ ކަންކަން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ތެޅިލައެވެ. ނަމަވެސް އެއަށް ލޯތްބޭ ކިޔަން އަދި މާ އަވަސް ކަމުގައި އަހަރެން ގަބޫލުކުރީމެވެ. މީހަކާއި ގަޔާވުމާއި، ލޯބިވެވުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. "ހުޝާމް ހުރީ ވަރަށް ދެރަވެފަތަ؟" ޗެކިން ނިމިގެން އެތެރެއަށް ވަންނަން ދަމުން މަންމަ އަހާލިއެވެ. "އާނ.. ފެންނަނީ އެހެން. ހިތުގައި އޮތީ ވެސް ހަމަ އެހެން ކަމަށް މި ބަލަނީ.." އަހަރެން ބުނީމެވެ. "އާނ.. އެހާ އަވަހަށް މީހަކަށް އިތުބާރު ކުރާނެ ކަމެއް ނެތް." މަންމަ ސަމާސާ ރާގަކަށް ބުނެލިއެވެ.

ލަންކާގެ ބަންޑާރަނައިކަ އެއާޕޯޓަށް ފްލައިޓު ޖެއްސުމާއެކު މަންމަ އަހަރެންގެ އަތުން ދޫކޮށްލިއެވެ. އެހިނދު ބައްޕަ އިނީ ލާނެއްފާޑަކަށް މަންމަ އާއި ދިމާލަށް ބަލަހައްޓައިގެން ހޭށެވެ. "ރާބިޔާމެން ފްލައިޓަށް އަރާއަރާ ބާވާ އިރުވެސް ބިރެއް ނުކެނޑޭ ދޯ." ބައްޕަ ދޯ ދިނީ މަންމައަށެވެ. "ހޫން.. ޝާހިދު ތީ ދެން ބިރުކުޑަ އަލީއެއްނު. ބައްޕައާއި ދިމާލަށް ކިޔާށޯ ބިރުކުޑަ އަލީ." މަންމަ، އާއި ބައްޕަ މިފަދަ ގޮތެއްގައި އަރާރުން ވުމަކީ އަހަރެންނަށް އައު ކަމެއް ނޫނެވެ. އެއީ ދުވަހަކު އެއް ގަލަކަށް ނާރާ ދެ މީހުންނެވެ. އެއީ ވެސް ޒާތެއްގެ ލޯތްބެކެވެ. އެއާޕޯޓުން ނިކުންއިރު ލަންކާ ގަޑިން އެގާރަޖަހާ ބޮޑުވެއްޖެއެވެ. އަވަހަށް ވޭނަކަށް އެރުމަށްފަހު ބައްޕަ، ދާންވީ މިސްރާބު ޑްރައިވަރަށް ކިޔައިދިނެވެ.

އެއީ އަހަރެން ލަންކާއަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. ލަންކާއަކީ އަހަރެންނަށް ކޮންމެވެސް ވަރަކަށް ފަރިތަ ތަނެކެވެ. ލަންކާއަށް ދާ ކޮންމެ ފަހަރަކު އަހަރެމެން ތިބެނީ، އެކޮޅުގައި ވަޒަންވެރިވެގެން އުޅޭ ރަށު މީހެއްގެ ގޭގައި ކުޑަ ކުއްޔެއް ދައްކައިގެންނެވެ. އެ ގޭގައި އުޅޭ ދައްތަ ހުރީ އަހަރެމެން ދާންވާއިރަށް ކޮޓަރި ތައްޔާރުކޮށް، ކާން ހަދާފައެވެ. ބަދޫރާ އަކީ ހިތްހެޔޮ، މީހުންނާއި ގުޅޭ ވަރަށް ރަނގަޅު ދައްތައެކެވެ. "މިފަހަރު ވަރަށް ދުވަސްކޮށްލާފަ ދޯ ތިއައީ. މާ ބޮޑަށް ބަލިވީތަ؟." ބަދޫރާ ސުވާލުކުރީ ބައްޕައާއެވެ. "ނޫން. މި ދެން ދެމަފިރިންގެ މެޑިކަލް ޗެކަޕެއް ހަދާލަން އައީ. ކޮންމެ އަހަރަކު އެއްފަހަރު ނޫނީ ދެ އަހަރުން އެއް އަހަރު ނަމަވެސް އެބަ ޖެހޭ ޑޮކްޓަރަށް ދައްކާލަން މިކޮޅަން އަންނަން." ބައްޕަ ބުންޏެވެ. ކެއުމުގެ ސުފުރާ މަތީގައި ލައްކަ ގިނަ ވާހަކަ ދެކެވުނެވެ. އަހަރެން އިނީ އެންމެން ދައްކަމުން ދިޔަ ވާހަކަ އަޑުއަހަމުން ކާށެވެ.

ކޮޓަރީގައި ބައްޕަ ނިދުމަށް ވަކިން އެނދެއް ހުރިއިރު، އަހަރެންނާއި މަންމައާއި ނިދީ އެއް އެނދެއްގައެވެ. މަންމަ އޮށޯވެލިތާ މާގިނައިރެއް ނުވެ ނިދިއެވެ. ބައްޕަ ވެސް އޮތީ ގަދަ ނިދީގައެވެ. އަހަރެންނަށް ނިދަން އުޅެ އުޅެ ނުނިދުނެވެ. އެވަގުތު ކުއްލިއަކަށް ހަނދާންވީ ހުޝާމް މަތީންނެވެ. އަހަރެން އަވަސް އަވަހަށް ފޯނު ހުޅުވީމެވެ. އޭރު ވައިބައިން ހުޝާމް ދެތިން ފަހަރަކު އަހަރެންނަށް ގުޅާފައި އޮތެވެ. "އާދެވިއްޖެ. މިއުޅެނީ ނިދަން. ގުޑް ނައިޓް. ސޮރީ ފޯ ދަ ލޭޓް ރިޕްލައި." އަހަރެން ހުޝާމަށް މެސެޖުކުރީމެވެ. އޭރު އޭނާ އޮންލައިނަކު ނެތެވެ. މެސެޖު ކުރުމަށްފަހު ނިދޭތޯ އަހަރެން ފޯނު ބޭއްވީމެވެ. ނިދާ ތަން ބަދަލުވުމަކީ އަހަރެންނަށް ނިދަން ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް އަރާމު ނިންޖެއްގެ އުއްމީދުގައި ދެލޯ މަރާލީމެވެ. މިގޮތުގައި އޮއްވާ ނިދި ޖެހުނުތަނާ ސިއްސައިގެން ގޮސް ހޭލެވުނެވެ. އަދި ކަރުގައި އަތް އުނގުޅާލެވުނެވެ.

އަހަރެން ވަށައިގެން ހޯދާލީމެވެ. ނިދާ ބޮކީގެ ފަނޑު އަލިކަން ފިޔަވާ މުޅި ތަނުގައި ވަނީ އަދިރިކަމެވެ. އެހިނދު އަހަރެން ގެބިގެން ދިޔައީ މާޒީގެ ފުން ކަނޑެއްގެ ތެރެއަށެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ހީވަނީ އަހަރެންނަށް އަނިޔާއެއް ލިބެން އުޅޭހެންނެވެ. އަހަރެންނަށް، އިނާދުގެ ފަރާތުން ލިބިފައިވާ އަނިޔާތައް އަދިވެސް ހިތުން ފިލައިގެނެއް ނުދެއެވެ. އެހިނދު ލައިގެން އޮތް ޓީޝާޓުގައި އަތްކާއްތާލެވުނު ވަގުތު ހަނދާންވީ، އޭނާ ރުޅިއައިސްގެން އަހަރެން ލައިގެން ހުރި ޓީޝާޓު ވީދާލި ދުވަސް މަތީންނެވެ. "އަހަރެންނަށް ދުވަހަކުވެސް މިއިން ކަމެއް ހަނދާންނައްތާލެވޭނެބާ؟" އަހަރެން ހިތާހިތުން ކިޔާލީމެވެ. މި ޚިޔާލުތަކުގައި އޮއްވާ މަންމަ ނިދީގައި އަހަރެންނާއި ދިމާލަށް އެނބުރިލިއެވެ. އަހަރެން އަވަހަށް ދެލޯ މެރީމެވެ. އަހަރެން އެއިން އެއްވެސް ވާހަކައެއް ފަށަފަށައިގެން ދައްކަން ބޭނުން ނުވާތީއެވެ. އަދި މިހާރު އެއީ އަހަރެންގެ މާޒީއެވެ.

މަންމަ އާއި ބައްޕަގެ މެޑިކަލް ޗެކަޕްގެ ކަންކަން ހަތަރު ދުވަސް ތެރޭގައި އެއްކޮށް ނިމުނެވެ. ކުދިކުދި ކަންކަން ހުރި ނަމަވެސް، ﷲގެ އިރާދަފުޅާއެކު ދެމީހުންގެ ޞިއްޙަތު ވެސް ހުރީ ހެޔޮ ހާލުގައެވެ. ބޭސްފަރުވާގެ ކަންކަން ނިމުމާއެކު، ބައްޕަގެ މިސްރާބު ހުރީ ޝޮޕިން ސެންޓަރު ތަކާއި ދިމާލަށެވެ. ބައްޕަ ރާއްޖެއިން ބޭރަށް ދާ ކޮންމެ ފަހަރަކު މާމަ، ކާފަ ކިޔާ ކުދީންނާއި ދަރީންނަށް އަންނައުނު ގަނެދިނުމަކީ އަބަދުވެސް ކުރާ ކަމެކެވެ. މަންމަ ގޮވައިގެން ޝޮޕިން ކުރަން ދިޔުމަކީ ނިކަން މަޖާ ކަމެކެވެ. ތަންތަނުގައި ހުންނަ އެއްޗެހި ރީތިވިއަސް ގަންނާކަށް ބޭނުމެއް ނުވާނެއެވެ. ކިތަންމެ އަގުހެޔޮކޮށް އެއްޗެއް ހުއްޓަސް އެ ވާނީ އަގުބޮޑު ރަނަށެވެ. ދަތުރުގެ އެންމެ މަޖާ ކަމަކަށްވީ އެކަމެވެ.

ކޮންމެއަކަސް، ފުރާ ދުވަސް ކައިރިވުމާއެކު އަހަރެންމެން ތައްޔާރުވީ ފުރުމަށެވެ. އޭރުވެސް ކޮންމެ ރެއަކު އެވާ އުނދަގޫތައް އަހަރެންނަށް ވަމުން ދިޔައެވެ. އެއިން އެއްވެސް ކަމެއްގެ ހިލަމެއް އަހަރެންގެ މައިންބަފައިންނަށް ވިޔަކަ ނުދެމެވެ. އަހަރެން ނަމާދުންނާއި، ދުޢާއިން ހިތްވަރު ހޯދީމެވެ. ނަމަވެސް އެއާޕޯޓަށް ދިޔަ މަގުމަތީގައި އަހަރެންގެ މަންމަ ކުރި ކަމަކުން، މަންމައަށް ކަމެއް ޝައްކުވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. ވޭނުގެ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ޚިޔާލަކަށް ގެއްލިފައި އިންދާ، މަންމަ އަހަރެންގެ އަތުގައި ފިރުމަންފެށިއެވެ. ހީވީ، އަހަރެންނަށް ނުބުނެވިގެން އުޅޭ ހުރިހާ އިހުސާސެއް މަންމައަށް އެނގެޔޭ ބުނެލިހެންނެވެ. އަހަރެން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ، އެއާޕޯޓާއި ހަމައަށް ދެވެންދެން އެގޮތުގައި އިނީމެވެ.

ބޭރުން އަންނަ މީހުން، ނުކުންނަ ދޮރޯށިން ނިކުތް އިރު، ދެއަތް ފުރަގަހަށް ލައިގެން ހެވި ދިލިފައި ހުޝާމް ހުރިތަން ފެނުނެވެ. އަހަރެން އެހިނދު މަންމަގެ އަތުން ދޫކޮށްލުމަށްފަހު މަޑު ހިނގުމެއްގައި ހުޝާމް އާއި ދިމާލަށް ދިޔައީމެވެ. އޭރު ބައްޕަ ލަގެޖުތައް ހިފައިގެން އެތަނުގެ ތެރެއިން ބޭރަށް ނުކުންނަނީއެވެ. މަންމަ ތަންކޮޅެއް ދުރުގައި އަހަރެންގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. އަހަރެން ހުޝާމް އާއި އަރާ ހަމަވިތަނާ، މަޚުމާ ފޮތިން ޖަރީކޮށްފައި އޮތް ކުޑަކުޑަ ފޮށްޓެއް އޭނާ ހުޅުވާލިއެވެ. އެ ފޮށި ތެރޭގައި ކުޑަ ޑައިމަންޑެއްލާފައި ރިހި އަނގޮޓިއެއް އޮތެވެ. "މެރީ މީ!" ހުޝާމް ހިނިތުންވެލާފައި މަޑުމަޑުން ބުނެލި ބަހާއެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ. "ހުޝާމް، ދިސް އިޒް ޕަބްލިކް. މަންމަ ވެސް އެބަހުރި." އަހަރެން ހުރީ ކުޑަކޮށް ލަދުގަނެފައެވެ. "މައްސަލައެއްތަ؟ މަންމަ ކުރިމަތީގަ އެހީމަ އަދި މާ ރަނގަޅެއްނު." ހުޝާމް އެ އަނގޮޓި އެޅުވުމަށްޓަކައި އަހަރެންގެ އަތުގައި ހިފިއެވެ. ނަމަވެސް އަހަރެން ހުޝާމްގެ އަތް ދުރުކުރީމެވެ. 

Advertisement

ކޮމެންޓް