ލޮކްޑައުނަކަށް ތައްޔާރުވުމަށް އެޗްޕީއޭއަށް އަންގައިފި

12 May 2021 | 11:57

ކޮވިޑް-19އާއި ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު ދާ ގޮތުން ގޮތުން ރާއްޖެ ފުރަބަންދަކަށް ދާންޖެހިދާނެތީ އެކަމަށް ތައްޔާރުވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަންގައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިހާރު ހާލަތު އޮތް ގޮތުން ފުރަބަންދަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދުރާލައި އެކަމަށް ތައްރާރުވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަސައްކަތް ކުރަމުންދާކަމަށެވެ.

"ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށް ޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ މަަސައްކަތް ފައްޓާފައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ލޮކްޑައުންއަކަށް ރާއްޖެ ދާ ހާލަތަކަށް ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމުގެ މަސައްކަތް އެޗްޕީއޭއާ ހަވާލުކުރެވި އެ އެޖެންސީން އެމަސައްކަތް މިހާރު ފަށާފައިވާ ކަަމަށެވެ.

ރާއްޖެ ލޮކްޑައުންގެ ހާލަތަކަށް ތައްޔާރުވަމުންދާއިރު، މިއަދު ފެށިގެން މާލެ ސަރަޙައްދުގެ ކާފިއުގެ ވަގުތު ވަނީ ބާރަ ގަޑިއިރަށް އިތުރުކޮށްފައެވެ. އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން 12 ގަޑިއިރަށް ބަންދުކޮށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުންވެސް ވަނީ މަނާކޮށްފައެވެ.

Advertisement

ކޮމެންޓް