ވިއްސާރައިގައި އުނގޫފާރަށް ބޮޑެތި ގެއްލުންތަކެއް!

14 May 2021 | 17:12

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރ. އުނގޫފާރަށް އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

އެގޮތުން ބައެއް ގަސްތައް ވެރި، ބައެއްގޭގެ ފުރާޅު ވަނީ އެއްލާލާފައެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލް މެންބަރު ޙުސައިން އާސިފް ވިދާޅުވީ، ޖުމުލަ 3 އިމާރާތެއްގެ ފުރާޅު އެއްލާލާފައިވާކަމަށެވެ.

އެގޮތުން 1 އިމާރާތެއްގެ ފުރާޅު އެއްކޮށް އެއްލާލާފައިވާއިރު ދެންހުރި ތަންތަނުން އެއްލާލާފައިވަނީ ފުރާޅުގެ އެއްބައި ކަމަށް ޙުސައިން މަޢުލޫމާތު ދެއްވިއެވެ.

ޙުސައިން އާސިފް އިތުރަށް ވިދާޅުވީ، މިއަދުގެ ވިއްސާރައިގައި އެއްކޮށް ފުރާޅު އެއްލާލާފައިވަނީ ދެބުރިއަށް ހަދަމުންދާ އިމާރާތެއް ކަމަށާއި އެ އިމާރާތުގެ ފުރާޅު އެއްލާލައިގެން ގޮސް ޖެހިފައިވަނީ އިންވެގެންހުރި ގޭގެ ފުރާޅު މައްޗަށް ކަމަށްވާތީ އެގެއަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވާކަމަށެވެ.

މޫސުން ގޯސްވެ، ކުރަމުންދާ ވިއްސާރާގައި އުނގޫފާރަށް ދަނީ އުދަ އަރަމުންނެވެ. އަދި އުނގޫފާރުގެ ހުޅަނގު އުތުރު ފަރާތުގެ ބޭރު މަގަަށް އުދަ އެރުމުގެ ސަބަބުން ވަނީ ފެން ބޮޑުވެފައެވެ.

އަދި އެރަށުގެ ބަނދަރުވެސް ގަދަވެ، ބަނދަރުގައި އަޅާފައި ހުރި އުޅަނދުތައް ރައްކާތެރިކަމާއިއެކު ބަލަހައްޓަން ދަތިވެގެން އޭގެ ތެރެއިން ބައެއް އުޅަނދު އެއްގަމަށް އެރުވުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށް ކައުންސިލް މެންބަރު މަޢުލޫމާތު ދެއްވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ހުޅަނގު އުތުރުން އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެވެ.

މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުޞަތު ވެސް އެބައޮތެވެ. 

Advertisement

ކޮމެންޓް