ފަޅުރަށްތަކުގެ ހަމައަގު ހޯދަން ސަރުކާރަށް ކެރޭނެކަމާމެދު ޝައްކު: އުޝާމް

15 May 2021 | 21:26

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މަހުޖަނުންނަށް ނުއަގުގައި ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ހަމަ އަގު ހޯދާ ނުވަތަ ރަށްތައް އަނބުރާ ނަގަން ސަރުކާރަށް ކެރޭނެ ކަމާއި ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ސުވާލު އުފައްދަވައިފިއެވެ.

އުޝާމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 3 މިލިއަން ޑޮލަރުގެ އަގުހުރި ރަށްތައް 500 ހާސް ޑޮލަރަށް އަދި 10 މިލިއަން ޑޮލަރުގެ އަގުހުރި ރަށްތައް 1 މިލިއަން ޑޮލަރަށް ހޯދި މިޤައުމުގެ ބޮޑެތި މަހުޖަނުންގެ ނަންތައް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި އެހުރީ ފެންނަން ކަމަށެވެ.

އުޝާމު ވިދާޅުވީ، އެމައްސަލަތައް ބަލާ އެރަށްތަކުގެ ހަމަ އަގު ހޯދުމަށް ނުވަތަ ރަށްތައް އަނބުރާ ނަގަން މިސަރުކާރަށް ކެރޭނެކަމާ ދޭތެރޭ ޝައްކު ކަމަށެވެ. 

އަދި އޭރު ހަދާފަހުރި އޮޑިޓް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ޚިޔާނާތުގެ ފައިސާ ބޭނުން ކުރިކަމަށް ޝައްކު ކުރެވޭ ފަރާތްތަކާގުޅޭ 40 ވަރަކަށް މައްސަލަ ރައީސް ޔާމީންގެ ސަރުކާރުގައި ސިވިލް ކޯޓަށް ހުށަހެޅި ކަމަށާއި މިސަރުކާރު ވެރިކަމަށް އައިތާ ތިންހަތަރު މަސްތެރޭ އަލުން ދިރާސާކުރަންކަމަށް ބުނެ ގިނަ މައްސަލަތައް އަނބުރާ ގެނައި ކަމަށްވެސް އުޝާމު ވިދާޅުވެފައިވެއެވެ.

އުޝާމު މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމު ކުރެއްވުމާއި ގުޅިގެން، އޭގައި ހިމެނޭ ބޮޑެތި ވިޔަފާރިވެރިންގެ މައްސަލަތައް ނުބަލާނެކަމަށް އާންމުންވެސް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އެމްއެމްޕީއާރްސީން ދައުލަތުން ގެއްލުނު ފައިސާ ހޯދުމުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް މީގެ ކުރިންވެސް އުޝާމް ވަނީ ފާޑުވިދާޅުވެފައެވެ. 

އެގޮތުން މި މައްސަލާގައި، އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އާންމު ކުރިއިރު، އެފަދަ ލިސްޓެއް ހަދައި އާންމު ކުރަންވާނީ އެންމެ ކުޑަމިނުން ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލުކުރުމަށްފަހުގައި ކަމަށްވެސް މީގެ ކުރިން އުޝާމުވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް