އެނދުތައް ފުރި ފަރުވާދޭނީ ކާކަށްތޯ އިޚްތިޔާރުކުރަންޖެހޭ ހިސާބަށް!

20 May 2021 | 20:36

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ ފަރުވާދޭ ތަންތަނުގައިހުރި އެނދުތައް ފުރި ފަރުވާދޭނީ ކޮން ބަލިމީހަކަށްތޯ އިހުތިޔާރު ކުރަން ޖެހިއްޖެކަމަށް ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ފަރުވާ ދެމުންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫ އަދި ހައި ޑިޕެންޑެންސީ ޔުނިޓްގައި ބަލި މީހުންނަށް ފަރުވާ ދޭ އެނދުތައް ފުރިއްޖެއެވެ. އަދި އެކަމުގެ ޝަކުވާ އަންނަނީ އެތައް ފަރާތަކުން ކުރަމުންނެވެ.

މި ކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ވަގުތު އައިޖީއެމްއެޗް ގެ ހިޔަލަ ވިންގް އާއި ހުޅުމާލެ މެޑިކަލް ފެސިލިޓީއާއި ޑީއެޗް16 ގައި އެނދުގެ ޖާގަ އެބަހުރި ކަމަށެވެ.

އެހެންނަމަވެސް ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުންނަ އައިސީޔޫގައި މި ވަގުތު ހުރި އެނދުތައް ވަނީ ފުރިފައި ކަމަށާއި އަދި ހައި ޑިޕެންޑެންސީ ޔުނިޓް ވެސް ވަނީ މިވަގުތު ފުރިފައި ކަމަށެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ އިތުރު ފަރާތަކުން ޓްވިޓާގައި ބުނެފައިވަނީ، ފުލުފުލުގައި މަރުތައް ވަމުންދާއިރު، އެފަރާތްތަކަށް ނަރުހުންނާއި ޑޮކްޓަރުން ދޭންޖެހޭ އެންމެ އެކަށީގެންވާ ފަރުވާ ނުދެވި ވާކަމުގެ އިހުސާސާއިއެކު ނަފްސާނީގޮތުން ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ތަޙައްމަލު ކުރަމުންދާ ކަންކަން ވަޒަން ކުރަން ދަތިވާނެ ކަމަށެވެ.

އޭނާގެ ޓްވީޓްގައި ބުނެދީފައިވަނީ، ނަރުހުން މަސައްކަތް ކުރަންޖެހޭ ވަގުތު އިތުރުވެގެންގޮސް ކޮންމެ ނަރުހަކު ބަލަހައްޓަންޖެހޭ ބަލިމީހުންގެ ރޭޝިއޯ އިތުރުވެފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް ޖުމްލަ 14 މީހަކަށް އަންނަނީ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އަދި 9 މީހަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން 168 މީހަކު އައިސޮލޭޝަން ފެސިލީޓީގައި އެބަ ތިއްބެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ އަދަދު ހާހުން މަތީގައި އުޅޭއިރު، ޞިއްޙީ ނިޒާމަށް ނުކަތާވަރަށް މިކަން ގޮސްފިކަމަށް ޑޮކްޓަރުންނާއި ކަމާއިބެހޭ މާހިރުން ބުނަމުންދާއިރުވެސް މިހާތަނަށް މިކަންކަމަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ދޭކަމަކަށް ފާހަގަ ކުރެވިފައެއް ނުވެއެވެ.

ސަރުކާރުން ގެންދަނީ މި ހާލަތު އަދިވެސް ދިފާޢު ކުރަމުންނެވެ.

Advertisement

ކޮމެންޓް