ސިނޮފާމްގެ ފުރަތަމަ ޑޯޒު ޖެހި އެންމެންނަށް ދެވަނަ ޑޯޒް ލިބޭނެ: ނަސީމް

26 May 2021 | 12:36

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގައި މިހާރު ކުރިއަށްދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގުރާމުގައި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ހުރިހާ ފަރާތްތަކަށް ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް ވެކްސިނާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވިީ، ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ހުރިހާ ފަރާތްތަކަށް ވެކްސިންގެ ދެވަނަ ޑޯޒް ލިބޭނެ ކަމަށެވެ.

"މިހާރު ސިނޮފާމް ވެކްސިން ޖަހާފައިހުރި ހުރިހާ އެންމެންނަށްވެސް ދެވަނަ ޑޯޒް ލިބޭނެ. މިހާރު ކަންތައްތައް ދިމާވި ގޮތުންވެސް އަޅުގަނޑުމެން އިތުރު ފަރުވާތެރިކަމެއްވެސް އެކަމަށް ގެންނާނަން. އެއީ ކުއްލިއަކަށް ދިމާވާ ކަމަކަށް ބަލައި ދެވަނަ ޑޯޒް އަންނާނެކަމަކަށް އުންމީދެއް ނުކުރާނަން." މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގައި އުފައްދާފައިވާ ސިނޮފާމް ވެކްސިނަކީ އިންއެކްޓިވޭޓެޑް ވެކްސިނެކެވެ. މީގެ މާނައަކީ މި ވެކްސިން ޖެހުމުން ހަށިގަނޑަށް ވަންނަ މަރާލެވިފައިވާ ވައިރަލް ޕާޓިކަލްތަކުން، ހަށިގަނޑުގައި އެ ވައިރަސް އުފެދުން ހުއްޓުވާ ދިފާޢީ ނިޒާމް ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް އާދަކުރުވައެވެ. އިންއެކްޓިވޭޓެޑް ވެކްސިން ނިޒާމަކީ، ޕޯލިއޯ ފަދަ ބަލިތަކާ ދެކޮޅަށްވެސް ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ނިޒާމެކެވެ. މިއީ ދެ ޑޯޒް ހިމެނޭ ވެކްސިނެކެވެ.

މި ވެކްސިން ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީގައި ހިމެނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 ދިފާޢު ކެމްޕެއިންގައިވެސް ދަނީ ސިނޮފާމް ވެކްސިން ބޭނުންކުރަމުންނެވެ. މި ވެކްސިންތައް ހަދިޔާކޮށްފައިވަނީ ޗައިނާގެ ސަރުކާރުންނާއި ހެޔޮއެދޭ ބައެއް ފަރާތްތަކަކުންނެވެ

Advertisement

ކޮމެންޓް