ރައީސް ނަޝީދަށް ދިން ހަމަލާގެ ތަޙުޤީޤަށް ފާރަވެރިވާން އެމްޑީޕީގެ ތެރެއިން ކޮމެޓީއެއް އެކުލަވާލައިފި

11 Jun 2021 | 21:28

މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ކުރަމުންދާ ތަޙުޤީޤަށް ފާރަވެރިވުމަށްޓަކައި އެމްޑީޕީގެ ތެރެއިން ޚާއްޞަ ކޮމެޓީއެއް އެކުލަވާލަން ނިންމައިފިއެވެ.

މި ކޮމެޓީ އެކުލަވާލަން ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައެވެ.

109 މެންބަރުން ބައިވެރިވި މި ބައްދަލުވުމަށް، ހަމަލާގެ ތަޙުޤީޤަށް ފާރަވެރިވާނެ ކޮމެޓީއެއް އެކުލަވާލުމަށް ގަރާރެއް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދެވެ. މެންބަރު ވަޙީދުގެ މި ހުށައެޅުމަށް ތާއީދުކުރެއްވީ މަކުނުދޫ ދާއިރާގެ ރައީސް އަދި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަޙްމަދު މައުސޫމެވެ. މި ގަރާރު ބަލައިގަތުމަށް ފާސްވެފައިވަނީ 100 މެންބަރުންގެ ވޯޓާއި އެކުގައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމެޓީގެ މަސައްކަތްތައް ޤައުމީ މަޖިލީހަށް ކޮންމެ ހަފުތާއަކު އެއްފަހަރު ހުށައަޅަން ޖެހޭނެކަމަށްވެސް ރޭގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. މި ކޮމެޓީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ފަރާތުން މެންބަރެއް ޢައްޔަންކުރަންޖެހޭނެކަމަށް ފުރަތަމަ އޮތްނަމަވެސް، ފަހުން އެބައި ވަނީ އެމަނިކުފާނުގެ އެދިލެއްވުމުގެ މަތީން އުނިކޮށްފައެވެ.

ހަމަލާގެ ތަޙުޤީޤަށް ފާރަވެރިވާ ކޮމެޓީގައި ހިމެނޭނެ މެންބަރުންނަކީ ރައީސް ނަޝީދު ކަނޑައަޅުއްވާ މެންބަރެއް، ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފުގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖެވެ.

ރޭގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ވާހަކަދައްކައި، ރައީސް ނަޝީދަށް ދެވުނު ހަމަލާ ކުށްވެރިކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ނުސީދާގޮތުން ވަނީ މި ތަޙުޤީޤުގެ ތެރެއިން ބައެއް ކަންކަން ފޮރުވުމަށް ސަރުކާރުން މަސައްކަތްކުރާކަމުގެ ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ. އެ ހަމަލާއާއި ގުޅިގެން ޖުމުލަ ހަތަރު މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށްފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް