ހުއްޓުވި ލޯންޗްގައި ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވި ދެމީހުން ހުރިކަމަށް ފުލުހުން ބުނެފި

16 Jun 2021 | 13:52

މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުގެ ދުވަސްކޮޅެއް ކުރިން ކ.ދޫނިދޫ ކައިރިން ހުއްޓުވި ލޯންޗްގައި، އެމަނިކުފާނަށް ހަމަލާދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހުރިކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ބައިވެރިވި ބައެއް ފަރާތްތައް މެއިމަހުގެ 6ވަނަ ދުވަހުގެ ދުވަސްކޮޅެއްގެ ކުރިން ލޯންޗެއްގައި އެކުގައި ދަތުރުކުރަނިކޮށް ފުލުހުންނާއި ދިމާވިކަމުގެ މައުލޫމާތު "ވޮއިސް"އަށް ލިބުމުން އެކަމާއި މެދު ފުލުހުންގެ ބަހެއް ހޯދަން މީގެ ދުވަސްކޮޅެއްގެ ކުރިން ވާނީ އަހާފައެވެ. އިއްޔެގެ ވަގުތެއްގައި މި ނޫހުގެ ފަރާތުން އެކަމުގެ ފޮޓޯތައް މީސް މީޑިއާއަށް ހިއްސާކުރުމުން ފުލުހުން މިއަދު ވަނީ އެކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ 2021 މެއި 06ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަޙުމަދަކީ މެއި 01 ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަޙުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ތަހުމީނަކީ ރައީސް ނަަޝީދަށް ހަމަލާދޭން ގޮއްވާލި އައިއީޑީ ހަރުކޮށްފައިހުރި ސައިކަލްގެ ވެރިޔާއެވެ. އަދި އަދުހަމަކީ އެ އައިއީޑީގެ ޑެޓޮނޭޝަން ރިމޯޓަށް ފިތާލި މީހާއެވެ.

ފުލުހުން އިތުރަށް ބުނީ މި ލޯންޗް ހުއްޓުވާފައިވަނީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިގެން ހުޅުމާލެ ފަޅުތެރެއިންކަމަށެވެ. އެގޮތުން، އެ ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރި ވުމަށްފަހު ސީން ނިންމާލާފައިވާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން މިހާތަނަށް އެ ލޯންޗްގައި އަދުހަމް އަދި ތަހުމީން ފިޔަވައި ދެން ބަޔަކު ތިބިނަމަ، މީހުންގެ އަދަދާއި ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލްގައި އޮންނަވަނިކޮށް އެތަނުގެ ފާހަނައިގެ ތެރެއިން ފެނުނު ފިސްތޯލައިގެ މައްސަލައިގެ ތަހުގީގުގެ އަޕްޑޭޓެއްވެސް ހިއްސާކޮށްފައެއް ނުވެއެވެ. ރައީސް ނަޝީދަށް ތާޢިދުކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެމަނިކުފާނަށް އެވަރުގެ ހަމަލާއެއް ދެވިފައިވަނީ ދައުލަތުގެ ތެރެއިން ބައެއް ފަރާތްތަކުގެވެސް އެއްބާރުލުމާއި އެކުގައެވެ.

Advertisement

ކޮމެންޓް