މިބޭފުޅުން މަޖިލިސްމެމްބަރުކަމަށް އައުން ގާނޫން އަސާސީގެ ރޫހާ ޚިލާފްވެވެނީނޫންތޯއެވެ؟

30 Dec 2018 | 12:36

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުންގެންދަވަނީއެވެ. ލަފާކުރެވިފައިވާގޮތުން އަދި ނޫސްވެރިންގެ ސުވާލުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވާފައިވާ ޖަވާބުން އެމަނކުފާނުވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަކީ އެކަށީގެންވާ ކަމެކެވެ.

ތުންތުންމަތިން އިވޭގޮތުން ޔާމީން ކުރިމަތިލައްވަނީ ލ އަތޮޅު މާވަށު ދާއިރާއަށެވެ. އިންތިޚާބުގައި ވާދަކުރައްވަފާނެތޯ ނޫސްވެރިޔަކު ސުވާލުކޮށްލުމުން ވިދާޅުވެފައިވަނީ އަދި ވަކިގޮތަކަށް ނުނިންމަވާކަމަށެވެ. ކުރިމަތި ނުލައްވާނަމެކޭ ވިދާޅުވާން ފަސްޖެހިވަޑައިގަންނަވައެވެ.

ރައީސް މުހައްމަދު ނަޝީދު މާފަނުން މެދުދާއިރާއަށް ވާދަކުރައްވަން ނިންމަވައި މިހާރު ގެންދަވަނީ ކެމްޕެއިންވެސް ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކުރެއްވުމަށްފަހު ދައުލަތުން މުސާރަނަގާ އެހެންވަޒީފާއެއް އެބޭފުޅުން އަދާކުރައްވަން އުޅުއްވުމަކީ ދިވެހި ރާއްޖޭގައި ޑިމޮކްރަސީ ބިންގާ އެޅި އަމަލުކުރެވެމުންދާ ގާނޫން އަސާސީއާއި އަދި މީހުން އެބޭފުޅުން ތަސައްވުރުކުރާގޮތުގެ ރޫހާއި ޚިލާފްކަމެއްކަމަށް ނުބުނެވޭނެތޯއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމަށްފަހު ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއަށްވުރެ ދަށް ވަޒީފާއެއް އެބޭފުޅުން އަދާކުރައްވަންފެށްޓެވުމަކީ އެމަގާމުމުގެ ޝަރަފާއި އިޒަތާއި ހައިބަތަށް އުނިކަންލިބޭނެކަމެއްކަމަށް ގަބޫލުކުރެވިގެން ރައީސުލްޖުމްހޫރިއްޔާކަންކޮށްފައިވާ މީހުންނަށް ގާނޫން އަސާސީން ޚާއްސަ ވަކި އިމްތިޔާޒުތަކެއް ކަނޑައަޅާދީފައިވެއެވެ.

ގާނޫން އަސާސީ ބުނަނީ ކީކޭ؟

ގާނޫން އަސާސީގެ 128 ވަނަ މާއްދާގައި ބުނެފައިވަނީ "ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެމަތިން އެގަމާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެ މަތީވެރިކަންކޮށްފައިވާމީހަކަށް ދޭންޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާފަދަ ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް އެމީހަކަށް ހައްގުވާނެއެވެ. މިގޮތުން ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ގާނޫންގައި ބަޔާންކުރަންވާނެއެވެ."

ގާނޫން އަސާސީގެ މިމާއްދާ ތަންފީޒުކުރުމަށްޓަކައި ޚާއްސަ ވަކި ގާނޫނެއް " ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއިބެހޭ ގާނޫން" ގެ ނަމުގައި ގާނޫނެއް ފާސްކުރެވި ތަންފީޒުކުރެވެމުން އެބަދެއެވެ.

އެގާނޫންގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް 50 ހާސް ރުފިޔާ ދައުލަތުން ކޮންމެ މަހަކު ފޯރުކޮށްދޭންޖެހެއެވެ. އެއްދައުރަށްވުރެ ގިނަ ދައުރު އަދާކޮށްފައިވާނަމަ 75 ހާސް ރުފިޔާ ދޭންޖެހެއެވެ. ދިރިއުޅޭ ތަނުގެ ޚަރަދުގެ ގޮތުގައި 50 ހާސް ރުފިޔާއާއި ހަމައަށް ފައިސާދެވެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާކަންކޮށްފައިވާމީހަކު މުޖްތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތްކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު، 175000 ( އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ) އާއި ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެބޭފުޅުން ރާއްޖޭގައި ދަތުރުފަތުރުކުރުމުގެ ޚަރަދާއި އެމްއެންޑީއެފްގެ ރައްކާތެރިކަންވެސް ގާނޫނުން ކަނޑައަޅައިދީފައިވެއެވެ.

މިފަދައިން ގާނޫން އަސާސީއާއި އަދި އެބޭފުޅުންނަށް ޚާއްސަ ގާނޫންތަކުގައި ގޮތްތަކެއް ކަނޑައަޅާދީފައިވަނީ އެއިއްޒަތާއި ޝަރަފްގެ މަތީގައި ހަމަހިމޭން އޮމާން ސުލްހަވެރި ދިރިއުޅުމެއް ހޭދަކުރެއްވުމަށް މަގުތަނަވަސްކޮށްދެއްވުމަށެވެ. އަދި އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ އިލްމާއި ޙީލްމާއި ތަޖުރިބާގެ އަލީގައި މުޖްތަމައަށް އިޖްތިމާއީގޮތުން ފައިދާހުރި ކަންކަން ކުރެއްވުމަށް ފުރުސަތު ދީފައި ބޭއްވުމުގެ ގޮތުންނެވެ.

ކުރީގެ ރައީސުންގެ އައު ސިޔާސީ ދައުރު

ކަންމިހެންއޮތް އިރު ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމަށްފަހު އެވަރުން ނުފުދިގެން އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެވަޑައިގަތުމަށް އާދައިގެ އާއްމު މީހާއާއި ވާދަކުރައްވަން ނުކުންނަވައި ރަށްރަށުގެ ކުދިކުދި ކޮމިއުނިޓީތަކުގައި ސިޔާސީ ހަލަބޮލިކަން އުފައްދަވައި އެހެން އުޅުއްވުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ތާހިރުކަމަކަށް ވާނެތޯއެވެ.

މިއީ ގާނޫން އަސާސީއާއި ގާނޫންގައި އެބޭޅުން ތަސައްވުރުކުރެވިފައިވާ ދަރަޖައަށް ވާނެތޯއެވެ. އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ލިބިވަޑައިގަތީމާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ލިބިވަޑައިގަންނަވާ ފައިސާގެ އިނާޔަތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ލިބިވަޑައިގަންނަވާ ފައިސާގެ އިނާޔަތްތައް ނެންގެވުމުން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ހިއްޕެވުންކަމަށް ނުވާނެތޯއެވެ. އަޅުގަނޑުމެންދެކޭ ހުޅަނގުގެ ރިވެތި ޑިމޮކްރަސީއޭ ބުނާގައުމުތަކުގައި ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމް އަދާކުރެއްވުމަށްފަހު އެއަށްވުރެ ދަށުގެ މަގާމް ހޯއްދަވަން މިފަދައިން އުޅުއްވާތަނެއް ނުފެނެއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މިއަށް "ތާހިރު ސިޔާސީ ހަރަކާތޭ" ބުނީމާ ދެން އެގަބޫލުކުރާ ބަޔަކު ގަބޫލުކުރީމާ މުޅި ރާއްޖޭގެ ރައްޔިތުން ރުހުނީކަމަށް ނިމުނީއެވެ. ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައި މެމްބަރުކަންވެސް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުސާރަދެއްވާ ކޮންމެވެސް މަތީ ސިޔާސީ މަގާމެއް (އެޑްވައިޒަރުވިޔަސް) ދެއްވީމާ އަދި މާގިނަ ފައިސާ ދައުލަތުން ލިބިވަޑައިގަންނަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ލިބިވަޑައިގަތީމާ 62 ހާސް ރުފިޔާގެ މުސާރައާއި ލިވިން އެލަވަންސާއި ކޮމެޓީ އެލަވަންސަށް 40000 ހާސް ރުފިޔާ ލބިވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާކަންކޮށްފައިވާ މީހަކަށް އޮންނަ އިނާޔަތުގެ ގާނޫން އެގެން އޮންނަހާ ހިނދަކު ދޭންޖެހޭ އެއްޗެއް ދެވެމުންދާނެއެވެ. އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ލިބވަޑައިނުގަންނަވާ ރައްކާތެރިކަން މި އާ މެމްބަރަށް ލިބިވަޑައިގަންނަވަން ފެށީމާ އެއީ ހަމަހަމަ އިންސާފުވެރިގޮތެއްނޫނޭ ކިޔައި މަޖިލިސްތެރޭގައި ހަމަނުޖެހުން ހިންގުމުގެ ފުރުސަތުވެސް އޮންނާނެ ނޫންތޯއެވެ.

ސިޔާސީ ހަރަކާތް ރައްޔިތުންގެ މަޖިލީހަށް ނުވަދެވެސް ކުރީގެ ރައީސުން އެއޮތްކުރައްވަނީއެވެ. މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ހަރަކާތަކުން އެމަނިކުފާނުގެ ކޮއްކޮގެ ކިބައިން ވެރިކަމުގެ ބާރުތައް ފިރުކައިލިގޮތް އަޅުގަޑުމެންނަށް އިއްޔެ އެފެނިގެންދިޔައީ ނޫންތޯއެވެ.

އެކަންކުރެއްވީވެސް ތާހިރު ސިޔާސީ ހަރަކާތުން ނޫންތޯއެވެ. މިއަދު އެހުންނެވީ ސަރުކާރުގެ ކޯލިޝަންގައި މިހާރުގެ ރައީސަށް ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ކިހާ ރިވެތިގޮތެއްތޯއެވެ. ދިވެހި ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގާނޫން އަސާސީއާއި ގާނޫންގެ ރޫހު ދަމަހައްޓަވާތަން ފެންނަ އެއްބޭފުޅަކީ ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދުކަމަށް ބުނެވިދާނެއެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ހިންގަވާ އޮޓިޒަމް ސެންޓަރުގެ އެންމެ ބޮޑު ކޮންޓްރިބިއުޓަރަކީ ވަހީދުކަމަށް ވެއެވެ. މައުމޫންވެސް ކުދިންނަށް ސްކޯލަރޝިޕް އެބަ ހޯއްދަވައިދެއްވައެވެ. 

Advertisement

ކޮމެންޓް

Advertisement