އިޞްލާޙުގެ ސަބަބުން ވަކި ބައެއްގެ ޙައްޤު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެ ޙައްޤުތަކުން މަޙުރޫމު ކޮށްފައި: ޑީއެންއޭ

20 Jun 2021 | 12:45

ޤާނޫނުލްޢުޤޫބާތަށް ހުށަހަޅާފައިވާ އިޞްލާޙަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިޞްލާޙެއް ކަމަށާއި އެއިޞްލާޙުގެ ސަބަބުން ވަކި ބައެއްގެ ޙައްޤު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެ ޙައްޤުތަކުން މަޙުރޫމު ކޮށްފައި ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފިއެވެ.

ޑީއެންއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އިޞްލާޙަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިޞްލާޙެއް ކަމަށެވެ.

އަދި އެއްވެސް ޤާނޫނަކަށް އެއްވެސް އިޞްލާޙެއް ހުށަހަޅަން ވާނީ ޤާނޫނު އަސާސީއާ ޚިލާފުނުވާނޭ ގޮތަށް ކަމަށާއި އެހެންކަމުން މި އިޞްލާޙަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ޑީއެންއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި އިޞްލާޙުގައި ވަކި ބައެއްގެ ޙައްޤު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެ ޙައްޤުތަކުން މަޙުރޫމު ކޮށްފައި" ޑީއެންއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މި ބިލު އަނބުރާ ގެންދިއުމަށް ޑީއެންއޭ އިން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި ޤާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެން ވާނީ ރާއްޖޭގެ ދީނީ ޢިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރައުޔާ ޚިލާފުނުވާނޭ ގޮތަށް ކަމަށްވެސް ބަޔާނުގައިވެއެވެ.

އަދި މިގޮތަށް ހުށަހެޅޭ އިޞްލާޙުތައް ފާސްވެއްޖެނަމަ ކުރިމަގުގައި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި އެހެންކަމުން މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިޔަސް މިއީ ރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނެ ކަންކަން ކަމަށްވެސް ޑީއެންއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް