ހިޔާ ފްލެޓްގެ ފިނިޝިންއަށް 9 މަސް ދިނުމަށް އެދެފި

20 Jun 2021 | 16:32

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް 9 މަސް ދުވަހުގެ މުއްދަތެއް ހަމަޖައްސަވާ ދެއްވާތޯ މާލޭ ސިޓީ ކައުންސިލުން ރައީސް އޮފީހާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގައި އެދިފައި ވާނޭކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް އަމިއްލައަަށް ޚަރަދު ކުރަން ޖެހުމުގެ ސަބަބުން، އެ މަސައްކަތް 3 މަސް ދުވަހުގެ ތެރޭގައި ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ.

އަދި މަދުވެގެން 9 މަސްދުވަސް ފިނިޝިންއަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމެއް ކަމަށްވާތީ، އެކަން އެގޮތަށް ހަަމަޖައްސަވައިދިނުން އެދި، ރައީސް އޮފީހާއި، އެޗްޑީސީގައި އެދިފައިވާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކުގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ރައްޔިތުން ކުރަންޖެހޭ ކަންކަމަށް ކުރާ ޚަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރައްޔިތުންގެ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އެކަމަށް ބޭނުންކުރުމުގެ އިޚުތިޔާރު ލިބޭނެ ގޮތް ހައްދަވައި ދެއްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް މީގެ ކުރިން މޭޔަރ ޑރ. މުއިއްޒުވަނީ ވިދާޅުވެފައެވެ.

ހިޔާ ފުލެޓުތަކުގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ސަރުކާރުން ނިންމާފައި ވަނީ ހިޔާ ފުލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރު ކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފުލެޓު ލިބޭ މީހުން އަމިއްލަ އަށް ކަމަށެވެ. 

Advertisement

ކޮމެންޓް