ޔޫރޯ 2020: ގްރޫޕްގެ އެއްވަނައަށް އިޓަލީ، ދެވަނަބުރަށް ވޭލްސްވެސް ދަތުރުކޮށްފި

20 Jun 2021 | 23:43

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އިޓަލީން ދެވަނަބުރަށް ދަތުރުކުރި އިރު ގްރޫޕުގެ ދެވަނަ މަޤާމާއެކު ވޭލްސް ދެވަނަބުރުން ޖާގަ ހޯދައިފިއެވެ.

އިޓަލީ އާއި ވޭލްސް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ އިޓަލީއެވެ. އިޓަލީ ދެވަނަބުރަށް ދިޔައީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމުލަ 9 ޕޮއިންޓާއެކު އެވެ. 

މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ދަތުރުކުރީ 4 ޕޮއިންޓާއެކު އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ސްވިޒަލޭންޑް ތިންވަނައިގައި އޮތް ނަމަވެސް ވޭލްސް ދެވަނައިގައި ހިމެނުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ސްވިޒަލޭންޑް ވަނީ ގްރޫޕުގެ ފަހު މެޗުގައި މިރޭ ތުރުކީ 3-1 އިން ބަލިކޮށްފައެވެ.

ސްވިޒަލޭންޑަށް އަދިވެސް ދެވަނަބުރުގެ ފުރުޞަތު އެބައޮތެވެ. އެއީ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

އިޓަލީއާއި ވޭލްސް ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަޓެއޯ ޕެސިނާއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ދެވަނަ ހާފުގައި މާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 55 ވަނަ މިނެޓްގައި ވޭލްސްގެ ޒުވާން މިޑްފީލްޑަރު އީތަން އަމްޕަޑޫ އަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. އެއާއެކު ވޭލްސް އަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީ ބައްދަލުކުރާނީ ގްރޫޕް ސީ އިން ދެވަނައަށް ދާ ޓީމަކާއެވެ.

ސްވިޒަލޭންޑް ބައްދަލުކުރި މެޗުގައި އެ ޓީމުގެ ދެ ލަނޑު ޖަހަައިދިނީ ޝަގީރީ އެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ ސެފެރޮވިޗް އެވެ. ތުރުކީގެ ހަމައެކަނި ލަނޑު ޖެހީ އިރްފާން އެވެ. މިއީ ޔޫރޯގައި ތުރުކީގެ ފުރަތަމަ ލަނޑެވެ.

Advertisement

ކޮމެންޓް

Advertisement