ރައީސް ދިރިއުޅުއްވަން އެންމެ ރަނގަޅީ ތީމުގެ: އަސްލަމް

21 Jun 2021 | 19:28

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވަން އެންމެ ރަނގަޅީ ތީމުގެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސައި ދިނުމުގެ މައްސަލައާއި ގުޅޭގޮތުން ހުށަހެޅިފައިވާ ދެ ބިލު ދިރާސާ ކުުރުމަށްފަހު ރިޕޯޓް ހުށަހަޅުއްވަމުން، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވީ، ތީމުގެއަކީ ލިބިފައިވާ މަޢުލޫމާތުގައި ރައީސުލް ޖުމްހޫރިއްޔާއަކު ދިރިއުޅުއްވުމަށްޓަކައި ސަލާމަތީ ގޮތުން ވެސް އެތައް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ބިނާކުރެވިފައިވާ ތަނެއް ކަމަށާއި، ދައުލަތުގެ ޚަރަދުގައި ބިނާކުރެވިފައިވާ ތަނެއް ކަމަށެވެ.

އެހެންކަމުން އަސްލަމް ވިދާޅުވީ، ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ރައީސަކު ދިރިއުޅުއްވަން އެންމެ އެކަށީގެންވާ ތަނަކީ ތީމުގެ ކަމަށެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުލަތުގެ 3 ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދިނުމާއި ގުޅޭގޮތުން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި އެމަނިކުފާނަށް ސެކިއުރިޓީ ދޭން ދަތިވުމެވެ.

އެންމެފަހުން ތީމުގޭގައި ދިރިއުޅުއްވީ ރައީސް މައުމޫނެވެ. އޭރު އެކަމާ ވަރަށްބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވުމަށްފަހު، ދެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދު ބަދަލުވެވަޑައިގެންނެވީ މުލިއާ ގެއަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އަމިއްލަ ގެކޮޅުގައި އުޅުއްވުމަށްފަހު ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް