ރައީސް ޔާމީނާއި މެދު ދޮގު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީގޮތުން ފިޔަވަޅު އަޅަން ފަސްނުޖެހޭނަން: ވަކީލުން

21 Jun 2021 | 21:58

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، މިވަގުތު ގޭބަންދުގައި ހުންނެވި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖެ.އެމްވީ ވެބްސައިޓްގައިވާ ޚަބަރެއްގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ޙަރަކާތް ހިންގަވާކަމަށާއި، އެގޮތުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ލީޑަރޝިޕް ގްރޫޕްތަކާއި ޕާޓީގެ ކައުންސިލް ގްރޫޕްތަކުގައި އެމަނިކުފާނު ވާހަކަފުޅުދައްކަވައި، ވީޑިއޯ ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގެން ސިޔާސީ ޙަރަކާތްތައް ހިންގަވާކަމަށް ބަޔާންކޮށް ލިޔެފައިވާ ވާހަކަތަކަކީ، ޙަޤީޤަތާއި ޚިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ވަކީލުން ވިދާޅުވީ، ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރެވުނުއިރު، ފޯނު ބޭނުންކުރެއްވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދެއްވާފައިވީނަމަވެސް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ، ވަޓްސްއެޕް، ވައިބަރ، ގްރޫޕްތައް ފަދަ ގްރޫޕްތައް ބޭނުންކުރެއްވުމުގެ ހުއްދައަކަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހުށަހެޅުމުން އެފަދަ ހުއްދައެއް ދެވެން ނެތްކަމަށް އެ ސަރވިސް އިން އަންގަވާފައިވާކަމަށެވެ.

އެހެންކަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކަނޑައަޅާފައިވާ އެފަދަ އުޞޫލުތަކާ ޚިލާފު، އެއްވެސް ޢަމަލެއް އެމަނިކުފާނު ކުރައްވާފައެއް ނުވާނެކަމަށް ވަކީލުން ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

އެ ބަޔާނުގައި ވަކީލުން އިތުރަށް ވިދާޅުވީ، އެ ޚަބަރަކީ ރައީސް ޔާމީނާއި މެދު ޙަޤީޤަތަކާއި ޚިލާފު ވާހަކަ ދައްކައި، ފިތުނަ އުފެއްދުމުގެ މަޤުޞަދުގައި ލިޔެފައިވާ ދޮގު ޚަބަރެއްކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ވަނީ ވިދާޅުވެފައެވެ.

"އަދި، އަޅުގަނޑުމެންގެ މުވައްކިލާގުޅޭގޮތުން ޙަޤީޤަތެއް ނެތް ދޮގު ޚަބަރުތައް ނުފެތުރުމަށް ނަޞޭޙަތްތެރިވާޙާލު، އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާ ދޭތެރޭ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމުގައި އަޅުގަނޑުމެން ފަސްނުޖެހޭނެ ވާހަކަ ވެސް ދަންނަވަމެވެ"، ބަޔާން ނިންމާލަމުން ވެއެވެ.

Advertisement

ކޮމެންޓް