ކާފިއު ފެށޭ ވަގުތު ފަސްކޮށް، ޖިމްތައް އަލުން ހުޅުވާލަނީ

23 Jun 2021 | 00:48

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދޭން ނިންމައިފިއެވެ.

މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދެން މާލޭ ސިޓީގައި ކާފިއު ހިންގަން ފަށާނީ އިރުއޮއްސި ހައެއް ޖަހާއިރުކަމަށެވެ. އެއާއި އެކު ހެނދުނު 8 އިން ފެށިގެން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ހައުސްހޯލްޑް ޕާމިޓް އޮތް ފަރާތްތަކަށް ބޭރަށް ނުކުމެ، ބާޒާރުކުރުން ފަދަ ކަންތައްތައް ކުރެވޭނެއެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ހައުސްހޯލްޑް ޕާމިޓްތަކުގެ ތެރެއިން މެންދުރު 12 އިން ހަވީރު 4 ޖަހަންދެން މިހާރު އޮތް ޕާމިޓްގެ މުއްދަތު، އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް އިތުރުކުރާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެބޭފުޅާ ވަނީ މާލޭ ސިޓީގެ ޖިމްތައް ހުޅުވާލުމުގެ ފުރުޞަތުދޭން ނިންމާފައިވާކަމަށް ހާމަކުރައްވާފައެވެ. އެގޮތުން ޖިމްތަކުން އެޗްޕީއޭއަށް ސަރވިސް ޕްލޭނެއް ހުށައަޅައި، އެޗްޕީއޭގެ އިންސްޕެކްޝަނަކަށްފަހު އެތަންތަން ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. މިހެން ޢަމަލުކުރި ނަމަވެސް، ޖިމްތަކަށް މީހުން ދާންޖެހޭނީ އެޕޮއިންޓްމެންޓް އުސޫލުގެ މަތިންނެވެ.

ނަމަވެސް އަދިވެސް ޖިމްތަކުގައި ގްރޫޕް ސެޝަންތައް ބޭއްވުން މަނާވާނެކަމަށް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް