އެއް މަސްތެރޭ ސިޓީ ކައުންސިލުން ކުރި މަސައްކަތް ނަންބަރުތަކުން!

23 Jun 2021 | 19:20

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލް މަޤާމުގެ ހުވާ ކުރުމަށްފަހު ވޭތުވެ މިދިޔަ 1 މަސް ދުވަހުގެ ތެރޭގައި އެ ކައުންސިލުން މުނިސިޕަލް ހިދުމަތްތަކުގެ ގޮތުން ކޮށްފައިވާ ކަންތައްތައް އާންމު ކޮށްފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކުގެ ގޮތުގައި އާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ކުރެވުނު ހާއްސަ މަސައްކަތްތަކުގެ ތެރޭގައި، ވިޔަފާރިވެރިންގެ މިސްކިތުގެ އުތުރަށް އޮންނަ ބިން ސާފުކުރުން، ބިއްލޫރިޖެހިގޭ ޕާކިން ޒޯން ހެދުން، ބޮޑުގެ މިސްކިތު ޕާކިން ޒޯން ހެދުން، ޗައިނާ އެމްބަސީ ކުރިމަތީ އާޓިފިޝަލް ބީޗް ކައިރީ ޕާކިން ޒޯން ހެދުން، މާރުކޭޓްގައި 4 ފާހާނާ ހެދުމުގެ މަސައްކަތް ފެށުން، އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ފެށުން، މަސް މާރުކޭޓްގައި ވިއްކާ މަސް، އަށިތައްމަތީ އައިސް އަޅައިގެން ވިއްކަން ފެށުން، މަސްވެރިންގެ މެދުގައި ގުރުލައިގެން މާރުކޭޓްގައި މަސްވިއްކުމުގެ ހިދުމަތް ދޭން ފެށުން އަދި މަސްވެރިންނަށް މާރުކޭޓް ތެރެއިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން މަދިރި މަދުކުރުމަށް އިޖުތިމާޢީ ދާއިރާއިން ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ.

އުމްރާނީ ދާއިރާއިން، ކޮށްފައިވާ މުހިންމު ކަންކަމަށް ބަލާއިރު، 19 މަގެއްގައި އަލަށް 44 ލައިޓް ހަރުކުރުމާއި، 14 މަގެއްގައި 125 ލައިޓް މަރާމާތު ކުރުމާއި، 23 މަގެއްގެ ކޭބަލް ރަނގަޅު ކުރުމަށްފަހު 94 ލައިޓެއް ދިއްލުމާއި، 572 ކާނު ސާފުކުރުމުގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހެދުނު ރޭމްޕްތަކާއި 24873 އަކަފޫޓްގެ މަގުގެ ސަރަހައްދު މަރާމާތު ކުރުން ހިމެނެއެވެ.

ފާއިތުވި 1 މަސްދުވަހުގެ ތެރޭގައި މޭޔަރ ޑރ. މުޙައްމަދު މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން ކޮށްފައިވާ މަސައްކަތްތައް އާންމު ކޮަށްލުމާއިއެކު ގިނަ ބަޔަކު ދަނީ ސިޓީ ކައުންސިލާއި ޑރ. މުއިއްޒުގެ މަސައްކަތަށާއި މަސައްކަތުގެ ސްޕީޑަށް ތައުރީފު ކުރަމުންނެވެ.

Advertisement

ކޮމެންޓް