އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: ޢަލީ ޙުސައިން

24 Jun 2021 | 02:43

ބޭރު ޓީޗަރުންނަށް ދޭގޮތަށް މުސާރައާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން ވިދާޅުވީ، ބޭރު ޓީޗަރުންނަށް ދޭގޮތަށް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައި މިވަނީ ޓީޗަރުން ރެކްރޫޓް ކުރީ ރާއްޖޭއިން ޓީޗަރުން ލިބިފައި ނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކައިގައެވެ.

ރެކްރޫޓް ކުރި ޓީޗަރުންނަކީ އެ މާއްދާތައް ކިޔަވައިދޭން ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ޤައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާ ހައިކޮމިޝަންގެ ފަރާތުން ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމަށްވާ، ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން، އެ ފުރުޞަތު ބިދޭސީ މުދައްރިސުންނަށް ދެވިފައިވާކަމަށް އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް