އައިއެފްޖޭގެ އެސޯސިއޭޓް މެންބަރުކަން ޖާނަލިސްޓް އެސޯސިއޭޝަނަށް ލިބިއްޖެ

23 Jun 2021 | 21:25

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ އެސޯސިއޭޓް މެންބަރުކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަށް ލިބިއްޖެއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނީ، މޯލްޑިވް‏އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ މެންބަރަކަށް ވުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ކަންކަން އެމްޖޭއޭއިން ފުރިހަމަކޮށްފައިވާތީވެ، އެމްޖޭއޭއަށް އެސޯސިއޭޓް މެންބަރުކަން ދިނުމަށް، އިއްޔެ އޮތް އައިއެފްޖޭގެ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެ ޖަމުޢިއްޔާއިން ބުނީ، ‏މި ނިންމުމާއި ގުޅިގެން، ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ރާއްޖޭގެ ނޫސްވެރިންގެ ފަރާތުން އަޑު އުފުލާ، ވަކާލާތުކުރުމަށް އެ ޖަމުޢިއްޔާއަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ.

އަދި މިކަމަކީ، އެމްޖޭއޭގެ އެކްސްކޯގެ މިދައުރުގެ ފުރަތަމަ ބައްދަލުވުމުގައި "ކުރު މުއްދަތުގައި" ހާސިލްކުރަން ކަނޑައެޅި އަމާޒެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ ޖަމުޢިއްޔާއިން ބުނެފައިވަނީ، ‏އެމްޖޭއޭ އަލުން ފަށައިގަނެގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މިކަން ހާސިލުކުރެވުނީ އެމްޖޭއޭގެ އެކްސްކޯއާއި ނޫސްވެރިންގެ ފަރާތުން އެމްޖޭއޭގެ މަސައްކަތަށް ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

ރާއްޖެއާއިއެކު މިއައްމާގެ ޖާނަލިސްޓް އެސޯސިއޭޝަނަަށްވެސް މިފުރުޞަތު ވަނީ ދީފައެވެ. އައިއެފްޖޭއަކީ، ނޫސްވެރިންގެ ޙައްޤުގައި ވަކާލާތުކުރާ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާގައި 146 ޤައުމަކުން 6 ލައްކައަަށްވުރެ ގިނަ ނޫސްވެރިން ޝާމިލްވެއެވެ. 

Advertisement

ކޮމެންޓް