މިނިސްޓްރީއަކުން ފުރަތަމަ ފަހަރަށް ނޫހެއް ޖޫރިމަނާކޮށްފި

25 Jun 2021 | 00:20

ރާއްޖޭގައި މިނިސްޓަރީއަކުން ފުރަތަމަ ފަހަރަށް ނޫހެއް ޖޫރިމަނާކޮށް، 3 ނޫހަކަށް ނަސޭހަތް ދީފިއެވެ.

ޖެންޑާ މިނިސްޓްރީން ޖޫރިމަނާކޮށްފައިވަނީ އޮންލައިން ނޫސް "އަވަސް"އެވެ. އެ ނޫސް ޖޫރިމަނާކުރީ 2،000 ރުފިޔާއިންނެވެ. ނަސޭހަތް ދީފައިވަނީ "ވަގުތު" ނޫހާއި، ވަން އޮންލައިންއާއި "އަދަދު" ނޫހަށް ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މި ނޫސްތަކާމެދު ފިޔަވަޅުއަޅާފައިވަނީ މަރައިލުމަށްފަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތުގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރު ރިޕޯޓުކުރި ގޮތާ ގުޅިގެންކަމަށް ޖެންޑާއިން ބުނެފައިވީނަމަވެސް، މީޑިއާއިން ކުރާ ރިޕޯޓާކާއި ގުޅިގެން އެއްވެސް މައްސަލައެއްވާނަމަ އެކަން ޙައްލުކުރުމާއި، ފިޔަވަޅު އެޅުމާއި ތަޙުޤީގުކުރުމަކީ މީޑިއާގެ ކަންކަން ބެލުމުގެ މައްސޫލިއްޔަތު އެޅިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންޑޭޓުގައި ވާ ކަންކަމެވެ. މިހާތަނަށް ރާއްޖޭގައި އެއްވެސް މިނިސްޓްރީއަކުން އަދި ކުންފުންޏަކުންވެސް ނޫހެއް ޖޫރިމަނާކޮށްފައިނުވެއެވެ. އަދި މިއީ މިނިސްޓްރީތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް ބައެއް ޤާނޫނީ ފަރާތްތަކުންނާއި މީޑީއާ ކައުންސިލްގެ މެންބަރުން ހާމަކުރައްވައެވެ.

މި މައްސަލާއާއި ގުޅިގެން ވޮއިސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރު ތަރުޖަމާނު މަބުރޫކް ވިދާޅުވި މި މައްސަލާގައި މީޑީއާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ ރަނގަޅު ކަންބޮޑުވުންތަކެއްކަމަށާއި، މި މައްސަލާގައި ޖެންޑާރ މިނިސްޓްރީއާއި މީޑިއާ ކައުންސިލް އެކުގައި އިތުރަށް މަޝްވަރާކުރާނެކަމަށެވެ.

ކުޑަކުއްޖާގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް މީޑިޔާއިން ޚަބަރު ގެނެސްދޭނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ފިޔަވަޅު އެޅުމުގެ އިޚުތިޔާރު ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުން މިނިސްޓްރީއަށް އޮންނަ ކަމަށް ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ޚަބަރު ފެތުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަމުގައި ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރިއެވެ.

މި މައްސަލާގައި ނޫސްތަކުގެ ވެރިންނާއި، އެޑިޓަރުން އަންނަނީ ރައީސް އޮފީހާއި މީޑީއާ އެސޯސިއޭޝަންގެ ގްރޫޕްގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން މިނިސްޓްރީތަކުން ފިޔަވަޅު އެޅުން މިއީ އާކަމެއްގެ ފެށުމެއްކަމުގައި ވެއްޖެނަމަ މީޑީއާ ކައުންސިލާއި ބްރޯޑްކޮމްގެ ބޭނުމެއްނެތްކަމަށް ބައެއް ސީނިއަރ ބޭފުޅުން ރައީސް އޮފީސް މީޑީއާގައި ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

Advertisement

ކޮމެންޓް