ފަނޑިޔާރުގެ ސާފުކޮށް އިސްލާޙުކުރުމަށް އެހީތެރިވާނަން: އެމްޑީޕީ

31 Dec 2018 | 13:24

ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ސާފުކޮށްއިސްލާޙުކުރުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދޭނެކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އިއްޔެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި މެދު ކަންބޮޑުވުން ފާޚުކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި އެމްޑީޕީން ބުނީ ފަނޑިޔާރުގެ ސާފުކޮށް، އިސްލާޙުކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަންދީ، އެ މަސައްކަތުގައި މި ޕާރޓީ ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަޤީންކަން އަރުވާކަމަށާއި ރައްޔިތުންގެ ޙައްޤުތައް ދިފާޢުކޮށް، ޤާނޫނުއަސާސީއާއި ޤާނޫނުގެ ބާރުވެރިކަން ނަގަހައްޓައި، ރާއްޖޭގެ ޑިމޮކްރެސީއާއި ހަމަޖެހުން ޤާއިމުކުރެވެން އޮތީ، ފަނޑިޔާރުގެ މިނިވަންކޮށްގެން ކަމަށެވެ. އެމްޑީޕީން އިތުރަށް ބުނީ ރާއްޖޭގެ ފަނޑިޔާރުގެއާއި ބެހޭގޮތުން އިއްޔެ ހާމަކޮށްފައިވާ ކަންކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދުލު އިންސާފު ޤާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

 އަދި މިއީ، ރާއްޖޭގެ ކޯޓުތަކުގެ ނާއިންސާފުކަމާއި އެ ކޯޓުތަކުން ރައްޔިތުންގެ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުންދާކަން ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެ އިއްތިފާޤުވަމުންދާއިރު، އެކަމުގެ ތެރެއަށް އިތުރުވި ބިރުހުރި މައުލޫމާތުތަކެއްގެ ގޮތުގައިވެސް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އިއްޔެގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ޝަރުއީ ނިޒާމާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. ސުއޫދު ވިދާޅުވީ ފަނޑިޔާރުން ކޮންމެވެސް ވަރަކަށް ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތު ނުކޮށްއެބަހުރިކަމަށާއި ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާފަ އެބަހުރިކަމަށެވެ.

Advertisement

ކޮމެންޓް