Advertisement

ކޯޓުގައި މައްސަލަ އޮއްވާ ތައިލެންޑު ގޭންގު ސްޓާރަކާއެކު ފުއްގިރި ރިސޯޓު ހަދަން ފަށައިފި: މުހައްމަދު އިސްމާއިލް

19 Sep 2022 | 12:02
މުހައްމަދު އިސްމާއިލް ޓީވީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ސަންގު

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ މައްސަލަ ކޯޓުގައި އޮތްއިރު، ހޯމް މިނިސްޓަރު އިމްރާނު އާއި، ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު (އަލިޕީ) ހިއްސާވެގެން ތުރުކީގެ ގޭންގްސްޓާރަކާއެކު އެ ރަށް ރިސޯޓަކަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު، އެ މައްސަލަ މަދަނީ މިންގަނޑުން ބެލުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މިހާރުވެސް އެ މައްސަލަ އޮތީ ކޯޓުގައެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތައި ގުޅުންހުރި ވ. އާރަށުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ. 

މިކަން މިހެން އޮތް ނަމަވެސް ފުއްގިރީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ހޯމް މިނިސްޓަރު އިމްރާނާއި، އަލީ ޒާހިރު ގުޅިގެން ކުރަމުންދާކަމަށް ޗެނަލް-13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. 

Advertisement

އޭނާ ވިދާޅުވީ އަލީ ޒާހިރު އާއި އިމްރާނު ހިއްސާވެގެން ފުއްގިރީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ތުރުކީގެ ގޭންގު ސްޓާރަކާއި ގުޅިގެންކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާކަމުގެ ސައްހަ މައުލޫމާތު ލިބިފައިވާކަމަށް މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެ ފަރާތްތަކަށް ދޮގުކުރަން ކެރިވަޑައިނުގަންނަވާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

"ތުރުކީގެ ގޭންގު ސްޓާރަކާ ގުޅިގެން ޝެއިޚް އިމްރާނާއި އަލީ ޒާހިރު ހިއްސާވާ ގޮތަށް އެ ދެމީހުން އަޑީގަ ތިބެގެން ފުށްގިރި ޑިވެލޮޕް ކުރަމުން އެބަދޭ"

ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް

މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކާއި ރައީސް ޔާމީންއާއި ގުޅުވާ ދައުވާތައް އުފުލަމުންދަނީ ސިޔާސީ މަންފާތައް ހާސިލްކުރުމަށްކަމަށެެވެ. އަދި އެއީ ސަރުކާރުން ޔާމިނަށް އަނިޔާވެރިވުމަށް ހިންގާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

އެމްއެމްޕިއާރުސީގެ މުޅި މައްސަލަ ބަލާ ތަހުގީގުކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަމަށާއި، އެ ތަހުގީގު ފުރިހަމަ ކޮށްފިނަމަ އެކަމުގެ ފަހަތުގައި ތިބީ، މި ސަރުކާރަށް ނިސްބަތްވާ ބައެއްކަން ޔަގީންވެގެންދާނެކަންވެސް މުހައްމަދު އިސްމާއިލްގެ ވާހަކައިގައި ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement