ވ. އާރަށުގެ މައްސަލައިގައި މުޖުތާޒު ހެކިބަސްދެއްވަނީ
ހަބަރު
25 Sep 2022 | 12:52
ރައީސް އޮފީހުގެ ކޮންމެ ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ސިޓީއެއް ނޫން: މުޖުތާޒު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުށައަޅާފައިވާ ދެ ދައުވާ ގެ ޝަރިއަތުގެ މިއަދުގެ އަަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖުތާޒުގެ ހެކިބަސް ވަނީ ނަގާފައެވެ. 

މުޖުތާޒު ކޯޓަށް ހާޒިރުކޮށްފައިވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މޫސާ ފަތުހީ ސޮއިކޮށްފައިވާ ސިޓީއަކާއި ގުޅޭގޮތުން ހެކިބަސް ނެގުމަށެވެ.

ހެކިބަސް ނެންގެވުމުގެ ކުރިން ތައާރަފުގައި އޭނާ ވިދާޅުވީ 2006 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީން އާއެކު މަޖިލީހުގައި މަސައްކަތްކުރައްވާފައިވާނެކަމަށެވެ. އެފަހުން ރައީސް ޔާމީންގެ ދައުރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާނެކަމަށާއި، އެގޮތުން ޕާލިމެންޓަރީ އެންޑް ޕޮލިޓިކަލް އެފެއާޒް ސެކްޝަންގެ މަސައްކަތްތައް އޭރު ބަލަހައްޓަވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ރައީސް އޮފީހުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަދާކުރެއްވި މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން މުޖުތާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އެކި ޑިޕާޓްމަންޓުތަކުން ފޮނުވާ ނޯޓުތަކާއި އެއާއި ގުޅިގެން ރައީސް އަންގަވާ ކަންކަން ތަންފީޒުވޭތޯ ބެލުމާއި، ރައީސްގެ ފަރާތްޕުޅުން ވަޒީރުންނަށް އަންގަންޖެހޭ ކަންކަން އެންގުމާއި، އެފަދަ ކަންކަން ކުރައްވަމުން ގެންދަވާކަމަށެވެ. 

މިއަދުގެ އަޑުއެހުމުގައި އޭނާ ވަނީ ރައީސް އޮފީހުން ފޮނުވާ ސިޓީތަކާއި ގުޅިގެން ކަންކުރައްވަމުން ގެންދަވާ އުސޫލު ޝަރީއަތަށް ހާމަކޮށްދެއްވާފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ ކަނޑައެޅިގެން ރައީސުލް ޖުމްހޫރިއްޔާ ސޮއިކުރައްވަން ޖެހޭފަދަ ސިޓީތައް ނޫން އެހެން ސިޓީތަކުގައި ރައީސް ހުއްދަ ދެވިފައިވާ އިސްވެރިން ސޮއިކުރައްވާކަމަށެވެ. އޭގެ އިތުރުން ރައީސް އޮފީހުން ފޮނުވާ ސިޓީތަކުގައި ޑިޕާޓްމަންޓުތަކުގެ ވެރިންވެސް ސޮއިކުރައްވާކަމަށެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި މުހައްމަދު މުޖުތާޒު (ހެކިވެރިޔާ) ގެ އިތުުރުން ރައީސް އޮފީހުގެ މިނިސްޓަރު އަމީންއާއި، މުޙައްމަދު ހުސައިން ޝަރީފާއި، އިތުރުން، އަހުމަދު ޒުހޫރަށްވެސް އެ ހުއްދަ ދެއްވާފައިވާ ކަމަށާއި، އެ ނޫން ފަރާތަކަށް ރައީސް ޔާމީނުގެ ވެރިކަމުގައި އެ ހުއްދަ ދެއްވާފައިނުވާ ކަމަށް މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާ ޙަވާލާދީ އޭނާ ވިދާޅުވިއެވެ.

އެކަންކަން ފާހަގަކުރައްވާ ހެކިވެރިޔާ ވިދާޅުވީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މޫސާ ފަތުހީއަށް އެފަދަ ހުއްދައެއް ނޯންނަކަމަށެވެ. އެހެން ނަމަވެސް ޑިޕާޓުމަންޓުގެ ވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ރައީސް އޮފީހުން ފޮނުވާ ސިޓީތަކާއި ގުޅޭގޮތުން ހެކިވެރިޔާ އިތުރަށް ވިދާޅުވީ ރައީސް އޮފީހުގެ ކޮންމެ ސިޓީއަކީ ރައީސުލް ޖުމްހޫރިއްޔާ ފޮނުވާ ސިޓީއެއް ނޫންކަމަށެވެ.

ރައީސް އޮފީހަށް އަންނަ ސިޓީތައް ބެލުމަށްފަހު ކަމާ ގުޅުންހުރި އިދާރާތަކުން ވެރިް ސޮއިކުރައްވާ ސިޓީތައްވެސް ހުންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ފޮނުވާ ސިޓީތަކުގައި "ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވޭ" މި އިބާރާތް ބޭނުންކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ގޮތަށް އެ އިބާރާތް ބޭނުންކުރައްވަނީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ނޫންކަމަށާއި، އެއީ ޒަމާނުއްސުރެ ރައީސް އޮފީހުން އަމަލުކުރަމުން އަންނަ އުސޫލުކަން އޭނާ ހާމަކުރެއްވިއެވެ. 

އަދި އެގޮތަށް ފޮނުވާ ސިޓީއަކީ ރައީސުލް ޖުމްހޫރިއްޔާ ވަކި ގޮތަކަށް ވިދާޅުވެގެން ފޮނުވާ ސިޓީއެއްނަމަ އެކަން ފާހަގަކުރައްވާ ނޯޓު ހައްދަވާކަމާއި، އެ ނޯޓު ފައިލްކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. 

މިއަދުގެ އަޑުއެހުމުގައި ރައީސް އޮފީހުން ފޮނުވާ ސިޓީތަކަކީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެން ފޮނުވާ ސިޓީތަކެއްތޯ އައްސަވާ ދައުލަތުންވެސް އަދި ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ވަނީ ހެކިވެރިޔާއާއި ސުވާލުކުރައްވާފައެވެ. 

އެ ސުވާލުގެ ޖަވާބުދެއްވަމުން ހެކިވެރިޔާ ވިދާޅުވީ، ރައީސް އޮފީހުން ފޮނުވާ ކޮންމެ ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާނެ ސިޓީއެއް ނޫންކަމަށެވެ. އަދި އެއީ ރައީސުމް ޖުމްހޫރިއްޔާގެ ފަރާތްޕުޅުންވެސް ފޮނުވާ ސިޓީއަކަށް ނުވެދާނެކަމަށެވެ. އެފަދަ ސިޓީއެއް ފޮނުވާފައިވާކަމުގެ ސީދާ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ވަގުތުން ވަގުތަށް ލިބިވަޑައިގެންފައި ނޯންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެހެން ނަމަވެސް ކަނޑައެޅިގެން ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްގައި، ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ސޮއިކުރައްވަން ޖެހިވަޑައިގަންނަވާ ސިޓީފުޅެއްގައި އިތުރު އެއްވެސް ފަރާތަކުން ސޮއި ނުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

މުޖުތާޒު އިތުރަށް ވިދާޅުވީ ޓުއަރިޒްގެ ބޭނުމަށް ރަށެއް ދޫކުރުމާއި ގުޅޭ ސިޓީއެއް އޭނާ އަށް އެނގިގެން ފޮނުވާފައި ނުވާކަމަށެވެ. އަދި އެފަދަ ސިޓީއެއްގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާފައިވާނެކަން ނުވަތަ ނޫންކަން ކަނޑައެޅިގެން ދަންނަވަން އެނގިވަޑައިނުގަންނަވާކަމަށެވެ. އެހެން ނަމަވެސް، އެފަދަ ސިޓީއެއްގައި ސޮއި ކުރެއްވިނަމަ އެ ސިޓީ ރައީސް އޮފީހުގައި ފައިލުކުރެވިފައި އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. 

މިއަދުގެ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައި ހެކިންގެ ހެކިބަސް ނަގާ ނިމިފައެވެ. ދެން އޮންނާނީ ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.