ވޯލްޑްކަޕާއި ދިވެހިންގެ މެދަށް މީޑީއާނެޓް! ގިނަބައެއްގެ ފާޑުކިޔުން!
ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ ދަށުން ކަނޑައަޅާ އިވެންޓްތަކުގެ ލިސްޓުގައި މީގެ ކުރިން ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހިމެފައި އޮތް އޮތުމަށް މިވަނީ ނިމުމެއް ގެނެސްފައެވެ.
ޤަތަރ ވޯލްޑްކަޕް 2022 ބޯމަތިވެފައިވަނިކޮށް މިދިޔަ ސެޕްޓެންބަރ މަހު 19 ވަނަ ދުވަހު, ބްރޯޑްކާސްޓަރުންނާއި, ރީ ބްރޯޑްކާސްޓަރުންގެ ބެލެނިވެރި މުއައްސަސާ, ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޤަވައިދަށް ކުއްލި ބަދަލެއް ގެނެސް ވޯލްޑްކަޕް ދިވެހިންނަށް "ހިލޭ" ބެލޭނެ މަގު ބަންދުކޮށްލާފައެވެ.
ގަވާއިދުގައިވާ އިތުރަށް ވާގޮތުގައި، ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބޭނީ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށެވެ. ރާއްޖޭގައި މި ގަވާއިދާ އެއްގޮތަށް ރީބްރޯޑްކާސްޓް ކުރަނީ މީޑިއާނެޓުންނެވެ. ދެން އެ ހިދުމަތްދޭ ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަނީ ބަހުރައިންގެ ބަޓެލްކޯ އަށެވެ. އެހެންކަމުން ވޯލްޑްކަޕް ދެއްކުން މިވަނީ "މޮނޮޕޮލައިޒް" ކުރެވިފައެވެ.
މީޑީއާ ނެޓުން ބުނި އަގެއް ދިނުމަށްފަހު މެނުވީ ދިވެހިންނަށް މިފަހަރުގެ ވޯލްޑްކަޕް ނުބެލޭނެއެވެ.
ސެޕްޓެންބަރު މަހު 19 ވަނަ ދުވަހު ކޮމިޝަނުން ބްރޯޑްކާސްޓިން އައު ގަވައިދުގެ ދަށުން ލިސްޓުކޮށްފައިވާ ލިސްޓުގައި އޮތީ ވޯލްޑް ކަޕް މުބާރާތް ފަށާ މެޗާއި ފައިނަލް މެޗު އެކަންޏެވެ. މިފައިން ގަވައިދު އެކުލަވާލާފައި ވީނަމަވެސް ގަވައިދުގައި އޮންނަ ގޮތުން ފެށުމަށް 12 މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް އިވެންޓެއް ލިސްޓެޑް އިވެންޓްގައި ހިމަނައިގެން ނުވާނެ ކަމަށެވެ. އެހެންވެ ލިސްޓެޑް އިވެންޓް ކަނޑައެޅި ގޮތް ވެސް މިވަނި ގަވައިދާ ހިލާފުވެފައެވެ.
ގަވައިދަށް މިހާރު ގެނައި ބަދަލާ އެކު ޕީއެސްއެމް އަށް ވޯލްޑް ކަޕް ރައިޓްސް ހިލޭ ލިބުމުގެ ފުރުސަތެއް ނެތެވެ. ކުރިން އޮތް ގޮތަށް ގަވައިދު އޮތް ނަމަ، ޕީއެސްއެމަށް އޭގެ ރައިޓްސް ހިލޭ ދޭން މީޑިއާ ނެޓަށް މަޖުބޫރުވާނެ އެވެ.
"މޮނޮޕޮލައިޒް" ކުރެވޭގޮތަށް ރީ-ބްރޯޑްކާސް ކުރުމުގެ ގަވައިދު އެކުލަވާލާފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވަނީ މަޖިލީހަށް ގަރާރެއް ހުށައަޅުއްވާފައެވެ.
އެއާއެކު، ކޭބަލް ޓީވީގެ ޚިދުމަތް މީޑިއާނެޓަށް މޮނޮޕޮލައިޒް ކުރެވޭގޮތަށް އޮތް ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ގިނަ މެމްބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި އެއް ކުންފުންޏަކުން މުޅި އިންޑަސްޓްރީ ކޮންޓްރޯލުކުރެވޭ ގޮތަށް އޮތް އެ ގަވައިދާއި ގުޅިގެން މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
"ރީ-ބްރޯޑްކާސްޓު ކުރުމުގެ ފުރުސަތު ގިނަ ފަރާތްތަކަށް ދީގެން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވާދަވެރިން އުފައްދައިގެން، ޚިދުމަތުން އަގުތިރިކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ނުލަފާ ދޮން ބަފައެއްގެ ރޯލު އަދާކޮށް ގާނޫނީ އިމުން ބޭރުން ފާޑުފާޑުގެ ގަވައިދުތައް ހަދާ މި ޚިދުމަތް މޮނޮޕޮލައިޒްކޮށްގެން ތިބެ ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބަލާލުމުގެ ފުރުސަތު ގެއްލުވާލުމަށް މަސައްކަތް ނުކުރުމަށް އަޅުގަނޑު ގޮވާލަން"
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަސީމު
ނަސީމު ވިދާޅުވީ ޖެނުއަރީމަހުން ފެށިގެން ބްރޯޑްކާސްޓުކުރުމަށް ދިރާގަށް ދީފައިވާ ލައިސެންސް އާކޮށް ނުދޭނެކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާކަމަށެވެ. ރާއްޖޭގެ 80 އެއްހާ ރަށުން 15000 ރައްޔިތުން ދިރާގު ޓީވީގެ ޚިދުމަތް ހޯދަމުންދާއިރު، ދިރާގު ރީބްރޯޑްކާސްޓިން ކުރުމުގެ ޚިދުމަތަށް ވަނީ ބޮޑު އިންވެސްޓެއްކޮށްގެންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ މައުލޫގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވީ ރީ ބްރޯޑްކާސްޓު ކުރުމުގެ ގަވައިދެއް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުަލަވާލާފައިވަނީ ގާނޫނުގައި އޮތް އެއްޗެއް ރަަނގަޅަށް ބައްލަވާފައި ނޫންނަން ބްރޯޑްކާސްޓިން ކޮމިޝަން މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރުމުންވެސް އެނގިގެން ދިޔަކަމަށެވެ.
ގާނޫނު އަސާސީއިން ރައްޔިތުންނަށް ވިޔަފާރި ކުރުމުގެ ހައްގު ކަށަވަރުކޮށްދީފައިވާއިރު، އަދި ބްރޯޑްކާސްޓިން ކުރުމުގެ ގާނޫނުގައިވެސް ރީބްރޯޑްކާސްޓުކުރުން ހަނިކޮށްފައި ނުވާއިރު، ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު އެކުލަވާލާފައިވާ ގަވައިދަކީ ނާޖާއިސްގޮތުގައި ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދިނުމަށް އެކުލަވާލާފައިކަމެއްކަމަށް ތާރިގު ވަނީ ތުހުމަތުކުރައްވާފައެވެ.
"ގާނޫނު އަސާސީއިން ދީފައި އޮތް ހައްގެއް ގަވައިދަކުން ހަންޏެއް ނުކުރެވޭނެ، ބްރޯޑްކާސްޓިން ކޮމިޝަނުންގެ މެމްބަރުން އޭސީސީއަށް ހާޒިރުކޮށް އެމީހުން ބައެއްގެ އަތުން ނާޖާއިސް ފައިދާނަގައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ބަޔަކަށް ނާޖާއިޒް ފައިދާ ހޯދުމުގެ ގޮތުން ގަވައިދެއް އެކުލަވާލާފައި އޮތްކަމަށް އަޅުގަނޑަކަށް ފެންނަނީ"
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު
އެ މައުލޫގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނީ މީޑިއާނެޓަށް ކޭބަލް ޓީވީގެ ޚިދުމަތް މޮނޮޕޮލައިޒް ކުރެވޭ ގޮތަށް އޮތް ގަވައިދަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ ގިނަ ބަޔަކަށް ރީ ބްރޯޑްކާސްޓް ކުރެވޭ ގޮތަށް ކަންކަން ފަހިކުރުމަކީ ވާދަވެރި މާހައުލެއްގެ ތެރެއިން ހެޔޮ އަގުގައި ރއްޔިތުންނަށް ޚިދުމަތްތައް ލިބޭނެ ކަމެއްކަމަށެވެ. ގާނޫނު މަނާ ނުކުރާކަމެއް ގަވައިދަކުން ހަނިކުރުމަކީ ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ހައްގެއް ނޫންކަމަށާއި، އެ ގަވައދުގެ ސަބަބުން ފައިދާ ލިބެމުންދަނީ ވަކި ބަޔަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެސް.އެމް.އީއަށްވެސް ފައިދާވަނީ ރީ ބްރޯޑްކާސްޓުކުރުމުގެ ލައިސެންސް ގިނަ ބަޔަކަށް އޮތީމަ، މިހާރު މި ގަވައިދަށް ބަދަލު ގެނައިމަ މީގެ އެއްބަޔަކަށް ފައިދާވެފައި، އެހެން ބަޔަކަށް މީގެ މަގު ބަންދުވެގެން ދާ ދިއުމަކީ އަޅުގަނޑުމެން ގަބޫލުކުރާކަމެއް ނޫން"
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
މީޑިއާނެޓަށް ފައިދާވާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލި ރީ-ބްރޯޑްކާސްޓުކުރުމުގެ ގަވައިދާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ ބްރޯޑްކާސްޓުކުރުމުގެ ހައްގު ނުވަތަ ބާރު 100 އިންސައްތަ ދިވެހި ކުންފުންޏަކަށް ދިނުމަށް ކަނޑައަޅާފައި ގަވައިދު ހަދާފައި އޮތް ނަމަވެސް ރީ-ބްރޯޑްކާސްޓުކުރުމުގެ ހުއްދަ ހަނި ނުކޮށް އޮތީ މަޖިލީހަށް އޮޅިގެން ނޫންކަމަށެވެ.
ގާނޫނެއް ވަކި ގޮތަކަށް ލިޔެފައި އޮތްވާ ގަވައިދަކުން އެކަން ބަދަލު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން އެކަން ކުރުމުގެ ސަބަބުން މި ދާއިރާގައި ޚިދުމަތްކުރަން ތިބި ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ދީރާގު ޓީވީ އެކަނި އެބަ ބޭނުންކުރޭ 15000 ކަސްޓަމަރުން. މިއީ ރާއްޖޭގެ އައިސޮލޭޓެޑް އެތައް ރަށެއްގައި ތިބި ކަސްޓަމަރުން. ދިރާގުން ފައިބާ ނެޓުވޯކުތައް ރަށްރަށުގައި އެޅުމުގެ ކުރިން ވަރަށް ހާލުން ރަށްޔިތުން ރީތި ޑްރާމާއެއްވެސް ރަށްރަށުގައި ބަލާ އުޅުނީ. ރަނގަޅު ފުޓުބޯޅަ މެޗެއްވެސް ބަލާ އުޅުނީ ވަރަށް ހާލުން. އަޅުގަނޑު ކޮންމެހެން ބާރުލާފައި ދިރާގު ރަނގަޅު ކުރަން ވާހަކަދައްކަނީ އެއްނޫން. އެހެން ނަމަވެސް ވާދަވެރިންނަށް މާކެޓަށް ވަދެވުނީމަ، ނެޓުވޯކުވެސް ރަނގަޅު ވަނީ، އަގުވެސް ރަނގަޅުވަނީ"
އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު
ވަކި ބަޔަކަށް މަންފާ ލިއްބައިދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ ގަވައިދާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ އެ ގަވައިދަކީ ގާނޫނުތައް ފާސްކުރުމަށްފަހު، އެ ގާނޫނުތަކާއި ގުޅިގެން އުސޫލުތައް ކަނޑައެޅުމަށް މިނިވަން މުއައްސަސާތަކަށް ލިބިދޭ ބާރުގެ ބޭނުން ހިފައިގެން ހަދާފައިވާ ގާނޫނެއްކަމަށެވެ.
"ބްރޯޑްކާސްޓިން ކޮމިޝަނުން މި އޮތީ އެ ބޭފުޅުންނާއި މަތިކޮށްފައިވާ ގަވައިދު ހެދުމުގެ ނާޖާއިސް ފައިދާ ހޯދާފަ. ނާޖާއިސް ބޭނުންކޮށްފަ. އެބޭފުޅުންގެ ގަވައިދުގައި މި ބުނާ މަގްސަދާއި ސީދާ ޚިލާފަށް ކޮށްފައި އޮތްކަމެއް، މިއީ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް، މިއީ ވަކި ބަޔަކަށް މަންފާ ހޯދާދިނުމަށްޓަކައި ކޮށްފައި އޮތް ކަމެއް ގަރާރުގައި ބުނެފައި އޮތް ގޮތަށް އަޅުގަނޑަަށް ހަމަ ޔަގީންކަމާއެކު ދަންނަވަން ކެރޭ"
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު
ރައްޔިތުންގެ މަޖިލީހުގައި ގިނަ މެމްބަރުންތަކެއް މީޑިއާނެޓަށް ބުރަވާގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވާ ގައިދަށް ފާޑުވިދާޅުވެފައިވާއިރު، މަޖިލިހުގެ ހަނިމަދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ދިވެހިރާއްޖެ ވާދަވެރި ވިޔަފާރީގެ މާކެޓަކަށް ހުޅުވިފައިވާއިރު، ހިދުމަތް ދިނުމުގައި ވަކި ބަޔަކަށް މަންފާ ލިބޭ އުސޫލުތައް އޮވެގެން ނުވާނެކަމަށެވެ.
ދިވެހިރާއްޖޭގައި ވިޔަފާރިއެއް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއިން ހުއްދަދިނުމުން، އެ ހިސާބުން އެ ހުއްދަ އެހެން އެއްވެސް ދިމާލަކުން ހިފަހައްޓައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގައި ކުންފުނިތައް ގިނަވި ވަރަކަށް ކޭބަލް ޓީބީއާއި އަދި އެހެން ކަންކަންވެސް ކުރާ ފަރާތްތައް ގިނަވި ވަރަކަށް، އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ، ފޯނު ކުންފުނީގެ ދެ ކުންފުނި އައުމުން 10 ރުފިޔާއެއް މިނެޓެއް ހުރި ކޯލުގެ އަގު މިހާރު ތިރިވެގެން ގޮސް ލާރިއަށް ބަދަލުވެފައި އެ ހުރީ، އެހެންވީމަ އެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ"
މަޖިލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ޖުމްލަކޮށް މެމްބަރުންގެ ވާހަކަތަށް ބަލާއިރު، ކޭބަލް ޓީވީގެ ޚިދުމަތް މީޑިއާނެޓަށް މޮނޮޕޮލައިޒް ކުރެވޭގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ ގަވައިދަނީ ގާނޫނުން ލިއްބައިދީފައި ނުވާ ބާރެއް ބޭނުންކޮށްގެން އެކުލަވާފައިވާ ގަވައިދެއްކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އެ ދާއިރާގައި ވާދަވެރި މާހައުލެއް އުފެދުމަށް އޮތް ފުރުސަތު ހަނިވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.
އެކަމަކީ ވަކި ބަޔަކަށް އަގުތައް ކޮންޓްރޯލުކުރެވޭ ގޮތަށް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބޭނެކަމެއްކަމަށް އެ ގަރާރާއި އެއްކޮޅަށް ވާހަކަދެއްކެވި ގިނަ މެމްބަރުން އިއްތިފާގުވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists