އިނގިރޭސި ޕްރިމިއަރ ލީގް: އެވަޓަން، ލެސްޓާ އަދި ވުލްވްސްއަށް މޮޅެއް

30 Sep 2018 | 05:55

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން، ލެސްޓަރ އަދި ވުލްވްސް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

އެވަޓަން މޮޅުވެފައިވަނީ ޕްރިމިއަރ ލީގަށް އަލަށް ޕްރޮމޯޓްވި ފުލަމް ކޮޅަށް 3 ލަނޑު ޖަހައިގެންނެވެ. އެވަޓަންގެ 3 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށް ދީފައިވަނީ ގިލްފީ ސިގާޑްސަންއެވެ. ސިގާޑްސަންގެ ފަރާތުން ފެނުނު 2 ލަނޑުގެ ކުރިން އޭނާވަނީ ލިބުނު ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ. އެވަޓަންގެ 3 ވަނަ ލަނޑު ޖަހައިދީފައިވަނީ ޗެންކް ޓޯސުންއެވެ.

ފުލަމްގެ ފަރާތުން މާ މޮޅު އަދި ނުރައްކާތެރި ކުޅުމެއް ނުފުނު މިމެޗް އެވަޓަން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކުއެވެ.

ލެސްޓާއާއި ނިއުކާސަލް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 2 ލަނޑުޖަހައި ކާމިޔާބު ކުރީ ލެސްޓާއެވެ. ލެސްޓާގެ ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖޭމީ ވާޑީ ޖަހައިދިން ލަނޑެކެވެ. ލެސްޓާގެ ލީޑް ފުޅާކޮށްދިން ލަނޑު ޖަހައިދީފައިވަނީ ނިމިގެންދިޔަ ވޯލްޑް ކަޕުގައި އިނގިރޭސި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހެރީ މެގިއުއާއެވެ. 

ޗެންޕިއަންޝިޕުން އަލަށް ޕްރިމިއަރ ލީގަށް ޕްރޮމޯޓްވި ވުލްވްސް ވަނީ ސައުތްހެމްޕްޓަން 2 ލަނޑުން ބަލިކޮށް 3 ޕޮއިންޓް ހޯދާފައެވެ. ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ވުލްވްސްގެ ފަރާތުން ފެނުނު 2 ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައި އައިވަން ކަވަލެއިރޯއެވެ. މި ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ 87 ވަނަ މިނެޓުގައި ޖޮނީ ކާސްޓްރޯ 2 ވަނަ ލަނޑު ޖަހާއި ވުލްވްސްގެ ލީޑް ފުޅާކޮށް ދިނެވެ. 

މި މެޗުން ސައުތްހެމްޕްޓަން ބަލިވެ ރެލިގޭޝަން ޒޯނާއި ގާތަށް ޖެހުމާއެކު އެޓީމުގެ ކޯޗް މާކް ހިއުސްއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެ މަގާމުން ދުރުކުރާނެކަމުގެ ބިރު ހީވެފައެވެ.  

Advertisement

ކޮމެންޓް