"ސްޓިންގ ރޭ" ނަމުގައި އޮޕަރޭޝަންއެއް އިމިގްރޭޝަނުން ފަށައިފި

17 Jan 2019 | 11:51

ޤަވާއިދާ ހިލާފަށް ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައްސަލަ ހައްލުކުރުމަށް "ސްޓިންގ ރޭ" ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަންސްއިން ފައްޓައިގެން ކުރިއަށް ގެންދާކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މިހެން ވިދާޅުވެފައި ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"އަންޑޮކިއުމެންޓެޑް އިމިގްރެންޓްސް މައްސަލަ ހައްލުކުރުމަށް "ސްޓިންގ ރޭ" ނަމުގައި އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދަން. މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ޢާންމުން ހޭލުންތެރިކުރުމާއި، ޤަވާއިދާ ހިލާފަށް އުޅޭ ފަރާތްތައްވެސް އަމިއްލައަށް ފުރައިގެން ދިއުމަށް ފުރުސަތު ދީގެން އަމިއްލައަށް ފުރުވާލުން. އަދި އެންމެ ފަހު މަރުހަލާއަކަށް އަޅުގަނޑުމެން މި ފަރާތްތައް ރެއިޑްކޮށް ހައްޔަރު ކުރުން އޮންނާނީ" ހަނަފީ ވިދާޅުވިއެވެ.

މިއީ އެއްއަހަރު ދުވަހުގެ އޮޕަރޭޝަންއެއްކަމަށް ހަނަފީ ވަނީ ވިދާޅުވިއެވެ.

މީގެ އިތުރުން އިމިގްރޭޝަންގެ ޤާނޫނުގައި ހުރި ލޫޕްހޯލްތައް ހުރިން ފާހަގަކުރައްވައި، މި ޤާނޫނަށް އިސްލާހު ގެނެސް ޑްރާފްޓެއް އެކުލަވާލުމުގެ މައްސަކަތް ކުރަމުން ގެންދާކަމަށްވެސް ހަނަފީ ވިދާޅުވިއެވެ.

ވޯކް ވިސާގައި މިހާތަނަށް ރާއްޖެއަށް 144،607 ބިދޭސީން ގެނެސްފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް ގާތްގަނޑަކަށް 63،000 ބިދޭސީން މަސައްކަތް ކުރަމުންދާކަމަށް ލަފާކުރެވޭ ކަމަށް ހަނަފީ ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް