Advertisement

އެސްޓީއޯ އެމްއެމް ޔޫތު ކަޕުގެ ފުރަތަމަ މެޗުގައި އެފްސީ އަމީގޯސް 14 ލަނޑުޖަހައިފި

23 Dec 2022 | 21:48
އެސްޓީއޯ އެމްއެމް ޔޫތު ކަޕުގެ ފުރަތަމަ މެޗުގައި އެފްސީ އަމީގޯސް އާއި ބްރާދާސް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: ފޮޓޯ/ގާފު އޮންލައިން

އެސްޓީއޯ އެމްއެމް ޔޫތު ކަޕުގެ ފުރަތަމަ މެޗުގައި އެފްސީ އަމީގޯސް އާއި ބްރާދާސް އެފްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު 14-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުން އެންމެ ފަހުގެ ޗެންޕިއަން އެފްސީ އަމީގޯސްއިން ކާމިޔާބުކޮށްފި އެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި އިމީގޯސް ގެ ފަރާތުން 8 ލަނޑު ފެނިގެން ދިޔައިރު ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި އަމީގޯޒްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ރައުހާން 4 ލަނޑު، ޝަމްވީލް 5 ލަނޑު، އަސްވާދު 2 ލަނޑު، އަފްރާހް އަދި އަބާންގެ ފަރާތުން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ޖަހާފައެވެ.

Advertisement

މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އަމީގޯޒްގެ (ޖ.8) އަސްވާދު އެވެ. މި މެޗުގައި އޭނާ ފަރާތުން ދެގޯލް ފެނުމުގެ އިތުރުން މެޗުގައި ދެން ފެނިގެން ދިޔަ ގިނަ ގޯލްތަކުގައި އެސިސްޓުކޮށްދީފައިވަނީ އޭނާއެވެ.

އެމްއެމް ޔޫތު ކަޕަކީ މާމެންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލާކޮށް، އެއްބައިވަންތަ މުޖްތަމައެއް ޤާއިމުކުރުމާއި، ކުޅިވަރާއި ކަސްރަތަށް ޒުވާނުން އަޚުލުވެރި ކުރުވުމާއި، ފުޓްސަލްއަށް ޝައުޤުވެރިވާ ޒުވާޏުންނަށް އެފަދަ ފުރުސަތުތައް ހޯދައިދީ މި ރޮގުން ޒުވާނުން ކުރިޔަށް ދިއުމަށް މަގު ފަހިކުރުމާއި، ޒުވާނުންނަކީ ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން އަދި ސިއްޚީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އިތުރުން މުޖުތަމަޢަށް ބޭނުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ މުބާރާތެކެވެ.

މިއަހަރުގެ އެމްއެމް ޔޫތު ކަޕުގައި އަންހެން ޑިވިޝަންގައި 4 ޓީމެއް ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޝަނުން 6 ޓީމް ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަން ކުޅޭނީ ލީގު އުސޫލުންނެވެ. އެގޮތުން އަންހެން ޑިވިޝަންގެ ފައިނަލަށް ދަތުރުކުރާނީ ތާވަލުގެ އެންމެ ކުރީގައި އޮންނަ ދެޓީމެވެ. ފިރިހެން ޑިވިޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕުގެ އެއް ވަނަ އާއި ދެވަނަ ސެމީ ފައިނަލަށް ދާ އުސޫލުންނެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ވަނީ އެސްޓީއޯ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސް އެވެ. އަދި އެންޓަޓައިންމެންޓް ޕާޓްނަރަކަށް މީޑިއާ ނެޓް ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.

Advertisement

ކޮމެންޓް