ފޮއް ކީސާ: ފޮތްކިޔާލަން ދާން މިވަރު ތަނެއް ނެތް!

22 Jan 2019 | 23:52

ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތަކާއި ދިމާވެއްޖެނަމަ އެފަރާތްތަކުން ކުރާ ޝަކުވާތަކުގެ ތެރެއިން އެންެމެ ބޮޑު އެއް ޝަކުވާއަކަށް ވެެގެންދާނީ ކުދިން ފޮތްނުކިޔާ މައްސަލައެވެ. ވަކިން ޚާއްސަކޮށް، ކުދިންގެ ބަސްކޮށާރާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއަރުވަން އެދެނީ ނަމަ ގިނަގިނައިން ފޮތް ކިޔަންވާނެކަމަށް ތައުލީމީ ނިޒާމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ހަގީގަތުގައި ދަންނަވަނީނަމަ، ފޮތްކިޔުމަކީ ވަކި އުމުރުފުރާއަކަށް އިސްތިސްނާ ވެގެންވާ ކަމެއް ނޫނެވެ. ޒަމާނަށް އައި ބަދަލުތަކާއި އެކު ފޮތްކިޔުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައިސްފައިވިޔަސް، އައްޑޫ ސިޓީގެ ތިން ޒުވާން އަންހެން ކުދިން ވެގެންވަނީ އައްޑު ސިޓީ ހިތަދޫގައި މޯބައިލް ލައިބްރަރީއެއްގެ ޒަރިއްޔާއިން ފޮތްކިޔުމުގެ ރޫހު ގާއިމްކުރުމަށް މަސައްކަތް ފަށާފައެވެ.

ފޮތްކީސާ ނަމަކަށް ކިޔާ މި އޯޕަން އެއަރ މޯބައިލް ލައިބްރަރީ ދާދިފަހުން ހިތަދޫ ނޫރާނީ ސްކޫލް ކައިރީ އަތިރިމަތީގައި ގާއިމްކޮށްފައިވާއިރު، އެ ލައިބްރަރީ ގާއިމްކުރި ފޮއް ކީސާ ޓީމުން ވަނީ މި ލައިބްރަރީ ފެށުނު ގޮތް ވޮއިސްއާއި ހިއްސާކޮށްފައެވެ.

"ވިސްނުމެއް އައީ ހަމަ މީހުން ފޮތްކިޔަން ޝައުގުވެރިކުރުވަން. އެހެންވެ ފެއްޓިކަމެއް މިއީ"، ވޮއިސްއަށް މައުލޫމާތު ދިން ފޮއް ކީސާގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތެއް ބުންޏެވެ. 

އެ ޓީމުން ބުނިގޮތުގައި އެ ފޮތްއަލަމާރި އަކީ ގެއަކުން ބާވެގެން އެއްލާލަންވެގެން ތައްޔާރުކޮށްފައި ހުރި އަލަމާރިއެކެވެ. އެ އަލަމާރި އެ ތިންކުދިން ވެގެން ހޯދައި، އެ އަލަމާރި މަރާމާތުކުރީއެވެ. އެގޮތުން އެކުދިންގެ އަތުން އެ އަލަމާރި މަރާމާތުކުރުމަށް ގަންނަންޖެހުނީ ހުދުކުލަ، ސަތަރި އަދި މޮހޮރު ފަދަ ކުދި އެއްޗެހިކަމަށް ވޮއިސްއަށް މައުލޫމާތު ދެމުން ފޮއް ކީސާ ޓީމުން ހާމަކުރެއެވެ.

ފޮތްކީސާއަށް ފޮތްތައް ހަދިޔާ ކޮށްފައިވަނީ ޢާންމުންކަމަށް ފޮއް ކީސާ ޓީމުން މައުލޫމާތުދެއެވެ. 

ފޮތްކީސާގެ ދެވަނަ ފޮތް އަލަމާރިއެއް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް އެ ޓީމުން ބުނެއެވެ.

Advertisement

ކޮމެންޓް