ވިލިގިލި ބަގީ ހިދުމަތް: ބިން ދޫކުރީ ޓިކެޓިން ބޫތުތަކެއް އަޅަން، ހުރީ ގެސްޓު ހައުސްއެއް!
މާލެ ސަރަހައްދުގައި އޮތް ވިލިމާލެއަކީ ތިމާވެއްޓާއި ރައްޓެހި މޮޑަލްއަކަށް ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.
އެ އުސޫލުން ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ޚިދުމަތް ވިލިމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިމިދިޔަ ދައުރުގައި އޮތް މާލޭ ސިޓީ ކައުންސިލުން ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.
ލުއިފަސޭހަކަމާއެކު ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރު ކުރުމުގެ އިންތިޒާމު ވިލަމާލޭގެ ރައްޔިތުންނަށް ހަމަޖައްސާދިނުމަށް މަސައްކަތް ހަވާލުކުރި ފަރާތާއެކު ހެދި އެއްބަސްވުމުގެ ދަށުން އެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ގިމަތައާއި ޓިކެޓިން ބޫތުތައް ހެދުމަށް ވިލިމާލޭގެ މުހިންމު ދެ ސަރަހައްދަކުން ބޮޑު ދެ ބިންވެސް ވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދީފައެވެ.
އެހެން ނަމަވެސް އެއްބަސްވުމަށް ގާތް ގަނޑަކަށް 8 އަހަރު ފުރެންދާއިރު އެއްބަސްވުމުގައި ވާ ގޮތަށް ލުއިފަހޭސަ ކަމާއެކު، ތިމާވެއްޓާއި ރައްޓެހި ގޮތަށް ވިލިމާލެ ރައްޔިތުންނަށް އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތްފޭން ފަށާފައެއް ނުވެއެވެ.
ނުވިތާކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ދޫކުރި ބިންތަކުގައި އެ މީހުން އަމިއްލަ މަސައްކަތް ފަށާ، ވިޔަފާރި ކުރަމުންދާކަންވެސް ވަނީ ހާމަވެފައެވެ.
ވިލިމާލޭގައި ތިމާވެއްޓާއި ރައްޓެހި ވެހިކަލްގެ ޚިދުމަތް ދިނުމަށް "އިމްޕްރިންޓު" ނަމަކަށް ކިޔާ ކުންފުންޏާއެކު އޭރު އޮތް ސިޓީ ކައުންސިލުން އެއްބަސްވުން ހަދާފައިވަނީ 17 ޖޫން 2013 ގައެވެ. އެ އެއްބަސްވުން ހަދާފައިވަނީ 15 އަހަރުގެ މުއްދަތަކަށެވެ.
ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަގޮތެއް ހޯދައި ދިނުމަށްޓަކައި ތިމާވެއްޓާއި ރަހުމަތްތެރި ވެހިކަލްގެ ޚިދުމަތް ދިނުމަށް އިމްޕްރިންޓު ކުންފުންޏާއެކު ނިމިދިޔަ ދައުރުގައި އޮތް މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ ކޮޕީއެއް ވަނީ "ވޮއިސް" އަށް ލިބިފައެވެ.
އެއްބަސްވުމުގައި އޮތީ ތިމާވެއްޓާއި ރައްޓެހި ޚިދުމަތް ފޯރުކޮށްދޭނީ އިމްޕްރިން ކުންފުނީގެ އަމިއްލަ ވެހިކަލުގައިކަމަށެވެ. އަދި އެ ވެހިކަލްތަކަކީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަކުން ކަނޑައަޅާފައިވާ މިންގަނޑަށް އޭގެ ސަލާމަތީ ކަންކަން ފުރިހަމަވެފައިވާ އަދި ދައްކަން ޖެހޭ އަހަރީ ފީ އާއި އެހެނިހެން ފީތައް ދެއްކިފައިވާ ގަވައިދުތަކާއި އެއްގޮތަށް ރޯޑު ވާދިނަސް ހެދިފައިވާ ވެހިކަލްތަކަށް ވާންޖެހޭނެކަމަށެވެ.
އެގޮތުން ދަތުރުތަކަށް ބޭނުންކުރާ ވެހިކަލުތަކުގެ އިތުރުން ރިޒާވް ވެހިކަލްތަކެއް، ބޭނުންކުރާ ވެހިކަލްތަކުގެ ޖުމުލަ އަދަދުގެ ފަހެއް އިންސައްތަ ގެންގުޅެއްވާނެކަމަށް އެއްބަސްވުމުގައި އޮވެއެވެ.
ދަތުރުފަތުގެ ޚިދުމަތް ދޭނެ ވަގުތުތަކާއި ވެހިކަލްތައް ދަތުރުކުރާނެ ރޫޓުތައް އާންމުންނަށް އަންގަންވާނެކަމަށްވެސް އެއްބަސްވުމުގައި އޮވެއެވެ. އަދި ވެހިކަލް ހުއްޓުތަކުގައި އެ މައުލޫމާތު ލިބޭނެ އިންތިޒާމުތައް ހުންނަންވާނެކަންވެސް ބަޔާންކޮށްފައިވެއެވެ.
މަގުމަތީ ބަގީތައް ޕާކުކުރެވިފައި. ގިނަ ބަގީތައް ވަނީ ހަލާކުވެފައި–ފޮޓޯ: ވޮއިސް
ވެހިކަލް ބެލެހެއްޓުމާއި ސަރވިސްކުރުމަށް ވިލިނގިލީ ސިނާއީ ސަރަހައްދުން 1177 އަކަފޫޓުގެ ބިމެއް އިމްޕްރިންޓު ކުންފުންޏަށް ވަނީ ދީފައެވެ.
އޭގެ އިތުރުން ޓިކެޓު ވިއްކުމަށާއި ޓިކެޓު ވިއްކުމުގެ ނިޒާމު ގާއިމުކުރުމަށާއި އަދި އިދާރީ އޮފީހުގެ ބޭނުމަށް އެމްޓިސީސީ ފެރީ ޓާރމިނަލް އާއި ކައިރި ސަރަހައްދުން 2000 އަކަ ފޫޓުގެ ބިމެއް ވަނީ އިމްޕްރިންޓު ކުންފުންޏަށް ދީފައެވެ.
އެހެން ނަމަވެސް އިމްޕްރިންޓު ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ހުރިހާ ހައްގުތަކެއް 16 ޖެނުއަރީ 2014 ގައި ވަނީ ނައިންޓީ ނައިން ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކާއެކު ބަދަލުކުރެވިފައެވެ.
އެ ބަދަލުގެ ދަށުން ވިލިގިލީ އިރުމަތީ ފަރާތުގެ ކޮށީ ނަންބަރު 31 ގެ އުތުރުކޮޅުން 2000 އަކަ ފޫޓުގެ ބިމާއި ވިލިގިލި ސިނާއީ ސަރަހައްދުން ޕްލޮޓް 9 ގައިވާ 1177 އަކަފޫޓުގެ ބިން ވަނީ ނައިންޓީ ނައިން ހޯސްޑިގްސްއާއި ހަވާލުކޮށްފައެވެ.
އޭގެ އިތުރުން ހައްގުބަދަލުކޮށް އެއްބަސްވުމަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އެ ބިންތައް ތަރައްގީ ކުރުމަށް ބޭނުންވާ މޯގޭޖު ރައިޓްސްވެސް ވަނީ އެ ކުންފުންޏަށް ދީފައެވެ.
އިމްޕްރިންޓް ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ހައްގުތައް އެފަހުން ނައިންޓީ ނައިން ހޯލްޑިންގސް ކުންފުންޏާށް ބަދަލުކޮށްފައިވަނީ، އެއްބަސްވުމުގައި ހުރި ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށއްދޭ ގޮތަށެވެ. އެއްބަސްވުމުގައި ހުރި އެއްވެސް މާއްދާއެއް އުނިކޮށްފައެއް ނުވެއެވެ.
އެއާއެކު ވިލިމޭލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ތިމާވެއްޓާއި ރައްޓެހި ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސާދިނުމުގެ މަސައްކަތް ނައިންޓީ ނައިން ހޯލްޑިގްސްއާއި ހަވާލުކުރެވުނެވެ.
2014 ވަނަ އަހަރު ހައްގު ބަދަލުކުރެވުނު އެއްބަސްވުމުގެ ދަށުން ނައިންޓީ ނައިން ހޯލްޑިގްސްއަށް ވިލިގިލީ ސިނާއީ ސަރަހައްދުން 1177 އަކަ ފޫޓުގެ ބިމެއް ވަނީ ދީފައެވެ.
އެ ބިން ދޫކޮށްފައިވަނީ އެ ކުންފުނިން ޚިދުމަތް ދިނުމަށް ބޭނުންކުރާ ވެހިކަލްތައް ބެލެހެއްޓުމާއި ސާރަވިސް ކުރުމަށެވެ. އަދި ކުންފުނިން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވެހިކަލްތައް ޕާކުކުރުމަށެވެ.
ވިލިގިލީގެ އެހެން އާންމު ބިމެއްގައި ނުވަތަ ހުސްބިމެއްގައިވެސް ކުންފުނިން ޚިދުމަތްދޭ އެއްވެސް ވެހިކަލެއް ބާއްވައިގެން ނުވާނެކަމަށް އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފައެވެ. ވެހިކަލްތައް ޕާކުރުން ނޫން ކަންކަމަށް ބިން ބޭނުންކުރާނަމަ ކުންފުނީގެ އަތުން ބިލް އަތުލުމުގެ ހައްގު ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.
ސިނާއީ ސަރަހައްދުން ދޫކުރި ބިމުގެ އިތުރުން ޓިކެޓު ވިއްކުމަށާއި ޓިކެޓު ވިއްކުމުގެ ނިޒާމު ގާއިމުކުރުމަށާއި އަދި އިދާރީ އޮފީހުގެ ބޭނުމަށް އެމްޓިސީސީ ފެރީ ޓާރމިނަލް އާއި ކައިރި ސަރަހައްދުން 2000 އަކަ ފޫޓުގެ ބިމެއް ވަނީ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދީފައެވެ.
މި ބިމަކީ ބަގީ ޓިކެޓިން ބޫތުތަކެއް ހެދުމަށް ދޫކޮށްފައިވާ ބިމެކެވެ. އެއްބަސްވުމުގައި ވާ ގޮތުން ޓިކެޓު ވިއްކުމާއި ޓިކެޓު ވިއްކުމުގެ ނިޒާމު ގާއިމުކުރުމަށް ކަނޑައެޅޭ ބިމުގައި ނުވަތަ ބިމުން ބައެއްގައި ހުއްދަ ލިބޭ ފަރާތުން ހުށައެޅޭގޮތަށް މާލީ މަންފާ ހޯދުމަށް ބޭނުން ނުރެވިދާނެއެވެ.
އެހެން ނަމަވެސް އެގޮތުން އެ ބިމުގައި އިމާރާތް ކުރެވޭނީ ވިލިނގިލީގައި އިމާރާތް ކުރުމަށް ކަނޑައަޅާފައި އޮންނަ ބިނާވެށި ޕްލޭންއާއި އެއްގޮތްވާ ގޮތުގެ މަތިން 4 ބުރިއަށް ވުރެ އުސް ނުވާނެހެންނެވެ. އަދި އެ ބިމުގައި ކުރާ އިމާރާތެއްގައި އެއްވެސް ސިފައެއްގައި މީހުން ދިރިއުޅިގެން ނުވާނެކަން ބަޔާންކޮށްފައި އޮވެއެވެ.
ވިލިމާލޭގައި ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ދޫކުރި ކުންފުންޏަށް ބޮޑު ދެ ބިން ދީފައިވާއިރު، އޭގެ ތެރެއިން ޓިކެޓިން ބޫތުތަކެއް ހެދުމަށް ދޫކޮށްފައިވާ 2000 އަކަ ފޫޓުގެ ބިމުގައި ހުރީ ގެސްޓު ހައުސްއެއް ހަދާފައެވެ.
މިއީ ކަނޑައެޅިގެން އެއްބަސްވުމާއި ޚިލާފަށް އަޅާފައިވާ ގެސްޓު ހައުސެއްއެކެވެ.
އެއްބަސްވުމުގައި ވާ ގޮތުން އެ ބިމުގައި ވިޔަފާރީ ކުރުމަށް އެއްވެސް ހުރަހެއް ނެތް ނަމަވެސް އެކަން ކުރަން ވާނީ ބިން ދޫކުރި އަސާސީ ކަންކަން ފުރިހަމަ ކުރުމަށްފަހުގައެވެ.
ޓިކެޓިން ބޫތު ހެދުމަށް ދޫކުރި ބިމުގައި ގެސްޓު ހައުސް—ފޮޓޯ: ވޮއިސް
ޓިކެޓު ދޫކުރުމަށް ބޫތުތަކެއް ހެދުމަކީ ބިން ދޫކުރި މައިގަނޑު މަގްސަދެވެ. ބޫތުތައް ނާޅާ މާލީ މަންފާއެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެއެވެ. މިހާތަނަށް އައިރު އެ ބިމުގައި ޓިކެޓިން ބޫތެއް އަޅާފައެއ ނުވެއެވެ. އެހެންކަމުން އެކަށް ނުކޮށް އެތަނުގައި ގެސްޓު ހައުސްއެއް އެޅުމަކީ ކަނޑައެޅިގެން އެއްބަސްވުމާއި ޚިލާފުވުމެވެ.
އަނެއްކޮޅުން ގެސްޓު ހައުސް އިމާރާތްކޮށްފައި ވަނީވެސް އެއްބަސްވުމާއި ޚިލާފަށެވެ. އެއްބަސްވުމުގައި ބުނަނީ 4 ބުރިއަށްވުރެ އުސް އިމާރާތެއް އެ ބިމުގައި ނޭޅޭނެ ކަމަށެވެ. އަދި އިމާރާތް ކުރަންވާނީ ވިލިގިލީގައި އިމާރަތްކުރަން އޮންނަ އުސޫލުތަކާއި އެއްގޮތް ވާ ގޮތުގެ މަތިންކަމަށެވެ.
ނައިންޓީ ނައިން ހޯލްޑިންސްއަށް ދޫކުރި ބިމުގައި އަޅާފައި ހުރީ ފަސް ބުރީގެ ގެސްޓު ހައުސްއެއް އަޅާފައެވެ. މިއީވެސް އެއްބަސްވުމާއި ޚިލާފުކަމެކެވެ.
އޭގެ އިތުރުން ކުންފުންޏަށް ދޫކުރި ބިމުގައި އަޅާ އިމާރާތެއްގައި އެއްވެސް ސިފައެއްގައި މީހުން ދިރިއުޅިގެން ނުވާނެކަން ބަޔާންކޮށްފައި އޮތް ނަމަވެސް އެ ބިމުގައި އިމާރާތްކޮށްފައިވަނީ ގެސްޓު ހައުސްއަކަށް ވުމުން، އެތަނުގައި އަބަދުވެސް މީހުން އުޅޭނެއެވެ.
މި ހުރިހާ ގޮތަކަށް ބެލިޔަސް ނައިންޓީ ނައިން ކުންފުންޏަށް ދޫކޮށްފައިވާ ބިމުގައި ގެސްޓު ހައުސެއް ހަދާފައިވަނީ އެއްބަސްވުމާއި ޚިލާފަށްކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.
ވިލިމާލޭގައި ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކުގައި ދަތުރުފަތުރުކޮށްދިނުމަށް ނައިންޓީ ނައިން ހޯލްޑިންސް ކުންފުނިން ހުށައަޅާފައިވާ ޕްރިޕޯސަލްގައި އޮތް ގޮތުން ނަމަ އެ ކުންފުނި ބައްޓަންކޮށްފައިވަނީ ތަފާތު ވައްތަރުގެ ވެހިކަލްތައް ރާއްޖެ ނެގެސް ވިއްކުމުގެ މައްޗަށެވެ.
އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ވެހިކަލް އެތެރެކުރަމުންދާ ކުންފުންޏަކީ ނައިންޓީ ނައިން ހޯލްޑިންގސްކަމަށާއި، ވިލިމާލޭގައި ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ބޭނުންކޮށްގެން އެ ޚިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނީވެސް އެ ކުންފުންޏަށްކަމަށް އެ ޕްރޮޕޯސަލްގައި ބުނެފައިވެއެވެ.
ކުންފުނިން ހުށައަޅާފައިވާ ޕްރޮޕޯސަލްގައި ވާގޮތުން އުޅަނދުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ.
އެގޮތުން މަސައްކަތް ހަވާލުކުރާތާ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އުޅަނދުތައް ޚިދުމަތަށް ނެރެވޭނެކަމަށް ކުންފުނިން ވަނީ ބުނެފައެވެ.
ފުރަތަމަ ފޭސްގައި 6 މީހުންނާއި ލުއި މުދާ އުފުލޭގެ ޖާގައިގެ 5 އުޅަނދު ދުއްވަން ފަށާނެ ކަމަށާއި، އެފަހުން 6 މަސް ދުވަހުގެ ތެރޭގައި 10 އުޅނަދު ގެނެސް ޚިދުމަތް ދޭން ފަށާނެކަމާއި، އަދި އަހަރު ނިމެންދާއިރަށް 15 އުޅަނދުގެ ފްލީޓަކުން ޚިދުމަތްތައް ރުކުރުވާލެވި ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް ކުންފުނިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ދޫކޮށްފައިވާ ބިންތަކުގައި ވެހިކަލް ޕާކު ކުރާނެ ޒޯންތަކާއި، ވެހިކަލް މަރާމާތުކުރުމަށް ބޭނުންވާ ފެސެލިޓީވެސް ގާއިމްކުރާނެކަމަށް ވަނީ ހުށައަޅާފައެވެ.
އެހެން ނަމަވެސް މަސައްކަތް ހަވާލުކުރިތާ ހަތް އަހަރު ވެގެން ދިޔައިރު ރައްޔިތުންނަށް ޚިދުމަތްދިނުމަށް އަދި އޮތީ އެންމެ ބަގީއެކެވެ.
އިތުރު ތަފްސީލަކަށް ނުދިޔަސް އެންމެ ބަގީއަކުން މުޅި އެ އާބާދީއަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ނުދެވޭނެކަން ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ.
އަނެއްކޮޅުން އެއްބަސްވުމުގައިވާ ގޮތަށް ބަގީ ދަތުރުކުރާނެ ރޫޓުތަކާއި ގަނޑިތައް އެނގޭ މައުލޫމާތު އެއްވެސް ސިފައެއްގައި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކޮށްފައެއް ނެތެވެ.
ވިލިމާލެއަކީ ތިމާވެއްޓާއި އެއްލީކަވާ ގޮތަށް ތަރައްގީ ކުރަމުން އަންނަ ރަށަކަށް ވާތީ އެ ރަށުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ހުއްދައެއް ނޯވެއެވެ.
މުޅި ރަށުގައި ދަތުރުފަތުކުރުމަށް އޮންނަނީ 6 މީހުންގެ ޖާގައިގެ އެންމެ ބަގީއެކެވެ.
ގިނަ ޚިދުމަތްތަކެއް ހޯދުމަށް މާލެ އަންނަން ޖެހޭއިރު ބަގީ ނުލިބިއްޖެނަމަ ޖެހެނީ ފޮށި ތަންމަތި ކޮޑަށް ލައިގެން އަންނާށެވެ. ނުވަތަ ބަރޮލުގައި އުފުލާށެވެ.
ބަލި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އޮތީ ހަމަ މި އުސޫލެވެ. އަތް ދަނޑިމަތީގައި ބަލި މީހުން އުފުލޭނަމަ އަތްދަނޑި މަތީގައިވެސް އުފުލަންވީއެވެ. ނުވަތަ ބަރޮލާއި ދަމާ ގާޑިޔަލުގައެވެ.
މާލެ ސަރައްހަށްދަށް މިއައި ތަރައްގީއިންވެސް ވިލިމާލެ އޮތީ ބާކީވެފައެވެ. ޚާއްސަ ގޮތަކަށް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ސަރުކާރުތަކުން ބުނާއިރު، އެހާ ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން އެ މަސައްކަތްކުރަން އުޅޭތަނެއް ނުފެނެއެވެ. އަސާސީ ޚިދުމަތްތައްވެސް އަދި އޮތީ ފުރިހަމަ ނުވެއެވެ.
ނުވިތާކަށް އެތެރޭގެ ދަތުރުތައް ކުރާނެ ލުއިފަސޭހަ އިންތިޒާމެއް ނެތުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަވާލުވި ކުންފުނިން އިހުމާލުވަމުންދާއިރު، އެކަމަށް އަޅާ ނުލެވި ގިނަ ދުވަސްތަކެއް ވަމުން ދިއުމަކީ ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުންކަނަށް ފާހަގަކޮށްލަން ޖެހެއެވެ.