ވާދަވެރިން ދޭފައިސާގައި ހިފުމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ވޯޓް ހޯދުމަށް އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ފައިސާ ހުށަހަޅައިފިނަމަ އެ ފައިސާގައި ހިފުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މި ހޮނިހިރު ދުވަހު ބޭއްވޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުން އައްޑޫ މަރަދޫފޭދޫގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ ވޯޓު ގަތުމަށް ވާދަވެރި ކެންޑިޑޭޓް ގެ ފަރާތުން ފައިސާ ދޭނެކަމަށާއި 10000 ރުފިޔާ ހުށައަޅާފިނަމަ 20000 ރުފިޔާ އޭ ވިދާޅުވެ އެވަރުވެސް ނެންގެވުމަށެވެ.
އަދި 9 ސްޕްޓެމްބަރ ގައި ބޭއްވޭ ރިޔާސީ އިންތިޙާބުގެ ކެމްޕެއިންއަކީ ޙަރަދު ބޮޑު ކަމެއްކަމަށް ފާހަގަ ކުރައްވައި ކެމްޕެއިން ކުރުމަށްޓަކައި އެމަނިކުފާނަށް އެފައިސާގެ ދެބައިކުޅަ އެއްބައި ނަމަވެސް ދެއްވުމަށް އެމަނިކުފާނުވަނީ އެދިފައެވެ.
"ތި ބޭފުޅުން އެ ފައިސާ ނަންގަވައި، ހުރިހާ ބޭފުޅުން. ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތުގައި އަޅުގަނޑު މި ވާހަކަ ދަންނަވަން ބޭނުން އަދި ހާއްސަކޮށް މި ވަގުތު އެމްޑީޕީ މެމްބަރުން ކައިރީގައި. ކަޅު ދަބަސް ހިފައިގެން، އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން، ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތި ބޭފުޅުންގެ ރަށުގައި ފައިސާ ބަހަން އުޅެނީ ކާކުތޯ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists