މާސޭ އަތުން ބަލިވެ ފްރާންސް ކަޕް ދެވަނަ ބުރުން ޕީއެސްޖީ ކަޓައިފި!
ފުރާންސް ކަޕްގެ ދެވަނަ ބުރުގައި ރޭ ރަށުންބޭރުގައި ވާދަވެރި މާސޭ އަތުން 2-1 ގެ ނަތީއްޖާއަކުން ބަލިވެ ޕީއެސްޖީ މުބާރާތުން ކަޓައިފިއެވެ.
މާސޭގެ ސްޓޭޑް ވެލޮޑްރޯމްގައި ރޭ ކުޅެވުނު ދެވަނަ ބުރުގެ ފަހު މެޗުގައި އެޓީމަށް ލީޑު ހޯދައިދިނީ ޗިލީގެ ތަޖުރިބާކާރު ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. މިއީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސަންޗޭޒް ކާމިޔާބުކޮސްދިން ލަނޑެކެވެ. ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރީ މާސޭއިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރުވަގުތު ތެރޭގައި ޕީއެސްޖީއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ އެއްވަރުކުރިއެވެ.
ސާޖިއޯ ރާމޮސް
މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޮސް އެވެ. މިއީ ކޯނަރަކުން ނޭމާ ގޯލްކުރިމަށްޗަށް ހުރަސްކޮށްދިން ބޯޅައެއްގައި ރާމޮސް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަމަ ހަފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތިއްޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ޕީއެސްޖީ އިން އެޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. ނަމަވެސް އެޓީމަށް ލަނޑުޖަހަން ލިބުން ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީއްޖާއެއްގެ ގޮތުން މާސޭއިން އެޓީމުން އުފެއްދި ހަމަލާއެއްގައި ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔުކުރޭންގެ މިޑްފީލްޑަރ ރުސްލާން މަލިނޮވްސްކީ އެވެ.
މިރޭގެ މެޗުގައި ޕީއެސްޖީގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ އެމްބާޕޭ އަނިޔާގެ ސަބަބުން ނުކުޅޭއިރު، ނޭމާ އާއި މެސީ އަށް ލަނޑުޖަހަން ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން އެކުޅުންތެރިންނަށް ނުހިފުނެވެ. މިއާއެކު 2-1 ގެ ނަތީއްޖާއަކުން މޮޅުވެ މާސޭ އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists