"ބާރަތް" ގެ ޓްރެއިލާރ އިން ސަލްމާން ޚާން ތަފާތު 6 ފެނިލުމަކުން!

27 Jan 2019 | 09:20

މި އަހަރުގެ ޖޫން 5 ވަނަ ދުވަހު ސިނަމާތަކުން ސަލްމާން ޚާން ފެނިގެންދާނީ ވަރަށް ތަފާތު ގޮތަކަކަށްކަމަށް އޭނާގެ ފިލްމު "ބާރަތް" ގެ ޓްރެއިލާރ އިން ބެލުންތެރިންނަށް ވަނީ ހާމަވެގެންގޮސްފައެވެ. 

ތަފާތު 6 ހެދުމެއްގައި، 6 ރޯލެއް ސަލްމާން ސިފަކޮށްދޭތަން މި ޓްރެއިލާރ އިން ފާހަގަވާއިރު، ފިލްމުގެ އަންހެން ބަޠަލާ ކެޓްރީނާ ކެއިފް ވެސް ކުޑަ ހިނދުކޮޅަކަށް ފެނިގެންދެއެވެ. މަޤްބޫލު ފިލްމީ ތަރި ސަލްމާން ގެ އާ މަސައްކަތް ބަލައިލުމަށް ބޮލިވުޑްގެ އެތައް މިލިއަން ފޭނުންނެއް ދަނީ ކެތްމަދުވެ، ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރަމުންނެވެ.

މި ފިލްމުގެ ޑައިރެކްޓާރ އައްބާސް ޢަލީ ޒަފަރް ވަނީ މީގެ ކުރިން ސަލްމާން ގެ "ސުލްތާން" އަދި "ޓައިގަރ ޒިންދާ ހޭ" ވެސް ޑައިރެކްޓޮކޮށްފައެވެ. 

ސަލްމާން އާއި އައްބާސް އެކީ މަސައްކަތްކުރި ދެ ފިލްމުވެސް ވަނީ އިންޑިޔާގެ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހާޞިލްކޮށްފައެވެ. 

ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން އައްބާސް ވަނީ ސަލްމާންގެ ރޯލަށް އަލިއަޅުވާލާފައެވެ. އަދި ފިލްމުގެ ބައެއް ސިީންތަކުގައި ސަލްމާން ހުންނާނީ ސީ.ޖީ.އައި ނުވަތަ ކޮމްޕިޔުޓާރ ގްރެފިކްސް ބޭނުންކޮށްގެން މުސްކުޅިކޮށްފަކަމަށް އޭނާ ފާހަގަކުރިއެވެ.

ބާރަތްގައި ސަލްމާން ފެނިގެންދާނީ އިންޑިޔާގެ ސާރކަސް އެއްގައި މަސައްކަތްކުރާ ހުނަރުވެރިއެއްގެ ގޮތުގައެވެ. ކެޓްރީނާގެ ރޯލާމެދު ގިނަ މަޢުލޫމާތުތަކެއް އާންމުވެފައި ނުވާއިރު، ފިލްމުގެ އުފެއްދުންތެރިން ބުނާ ގޮތުގައި އޭނާ ފިލްމުގެ ވާހަކަ ކުރިިއަށް ގެނއދިޔުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެއެވެ. 

މި ފިލްމުގައި ސަލްމާން އޭނާގެ ކުރީގެ ބައެއް ރޯލްތައް ނަކަލުވާ ކަހަލަ ގޮތަކަށް ޙަރަކާތްތެރިވި މަންޒަރު ޓްރެއިލާރއިން ފެންނަން ހުރުމުން ގިނަ ފޭނުންގެ ޝައުގުވެރިކަމެއް މި ފިލްމާމެދު ވަނީ އުފެދިފައެވެ. އެގޮތުން "އޭކް ތާ ޓައިގަރ" އަދި "ދަބަންގް" ގައި ސަލްމާން ދައްކުވައިިދިން މަޤްބޫލް ރޯލްތަކުގެ އަސަރު "ބާރަތް" ގެ ޓްރެއިލާރ އިން ފާހަގަވެގެން ދެއެވެ.

މި ފިލްމަކީ 2014 ވަނަ އަހަރު ނިކުއިން ދެކުނު ކޮރިޔާގެ އުފެއްދުމެއް ކަމަށްވާ "އޯޑް ޓު މައި ފާދާރ" އަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ފިލްމެކެވެ.

Advertisement

ކޮމެންޓް