ބާސާ ލީޑް ދެމެހެއްޓިއިރު ރެއާލް ތިންވަނައަށް ޖެހިލައިފި

28 Jan 2019 | 08:50

ސްޕެނިޝް ލީގުގައި ޖިރޯނާ އަތުން 2-0 ކުން ބާސެލޯނާ މޮޅުވެ އެއްވަނައިގަ އެޓީމް ހިފަހައްޓަމުން އަންނަ ލީޑް ދަމަހައްޓައިފިއެވެ. 49 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނައިގަ އޮތް އިރު ދެވަނައިގަ އެޓްލެޓިކޯ މެޑްރިޑް އޮތީ 44 ޕޮއިންޓް ލިބިގެންނެވެ.

މެޗުގެ 9 ވަނަ މިނެޓުގައި ފުލްބެކް ސެމީޑޯ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރި ހޯދަދިން އިރު އާޖެންޓީނާގެ ތަރި މެސީ މެޗުގެ ނަތީޖާ 2-0 ހަދައިދިނީ 68 ވަނަ މިނެޓުގައެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ބާސެލޯނާއައި ދެކޮޅަށް ޖިރޯނާވެސްވަނީ ފުދޭވަރަކަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ކުޅުންތެރިޔަކަށް ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ދެއްކި ރަތްކާޑައި ހުރެ ޖިރޯނާ މެޗުގެ ދެބައިކޮޅު އެއްބައި ކުޅުނީ އެއް ކުޅުންތެރިޔެއް މަދުކޮށެވެ.

ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗު އެޓީމް ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެސްޕަނިޔޯލްއައި ދެކޮޅަށް ކުޅުނު ރެއާލްގެ ލަނޑުތައް ޖަހައިދިނީ ބެންޒީމާ، ރާމޯސް، އަދި ބޭލްއެވެ. މެޗުގައި ބެންޒީމާވަނީ ރެއާލްއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުވެސްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެސްޕަނިޔޯލްގެ ފަރާތުން ފެނުނު ދެ ލަނޑު ޖަހައިދިނީ ބަޕްޓިސްޓާއޯ އަދި ރޮސާލެސްއެވެ.

އަނިޔާއައި ހުރެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމައި ދުރުގަ ހުރެފަ ބޭލް އަނބުރައި އައިއިރު ރެއާލްއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ވަރާންއަށްވަނީ މެޗުގައި ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ރެއާލްއަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމްވަނީ 39 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް އަރާފައެވެ. ހަތަރުވަނައިގަ ސެވިއްޔާއޮތީ ރެއާލްވުރެ ތިން ޕޮއިންޓް މަދުން ލިބިގެންނެވެ.

Advertisement

ކޮމެންޓް