ސްކްރީން އެކްޓާރސް ގިލްޑް އެވޯޑްސް ގައި "ބްލެކް ޕެންތާރ" އަށް ބޮޑު ކާމިޔާބީއެއް!

29 Jan 2019 | 09:19

2018 ވަނަ އަހަރު ބެލުންތެރިންގެ މެދުގައި މަޤްބޫލްކަމެއް ހާސިލްކުރި ސުޕާރހީރޯ ފިލްމް "ބްލެކް ޕެންތާރ" ވަނީ އާދިއްތަ ދުވަހު ބޭއްވުނު ސްކްރީން އެކްޓާރސް ގިލްޑް އެވޯޑްސް" އިން ދެ އިނާމެއް ހާސިލްކޮށްފައެވެ.

"ބެސްޓް އެންސެމްބަލް އިން އަ މޯޝަން ޕިކްޗާރ" ގެ އިތުރުން "ބެސްޓް ސްޓަންޓް އެންސެމްބަލް" ގެ އެވޯޑުވެސް މި ފިލްމުން ވަނީ ކާމިޔާބުކޮށްފައެވެ.

އެގޮތުން މިފަހަރު ގެ ސްކްރީން އެކްޓާރސް ގިލްޑް އެވޯޑްސް ގައި "ބްލެކް ޕެންތާރ" އިން ވާދަކުރި ދެ އެވޯޑުވެސް އެ ފިލްމަށް ކާމިޔާބުވުމުން، މާރވެލް ސްޓޫޑިއޯސްގެ މި ފިލްމަށް "އެކެޑެމީ އެވޯޑްސް"ގައި ވެސް ބޮޑު ކާމިޔާބީތަކެއް ހާސިލްކުރެވޭނެކަމަށް ގިނަ ބަޔަކު ދަނީ ލަފާކުރަމުންނެވެ.

"ސްކްރީން އެކްޓާރސް ގިލްޑް އެވޯޑްސް" ގައި "ބްލެކް ޕެންތާރ" ކުރިއަށް ޖައްސާލުން ވެގެންދިޔައީ ރަޔަން ކޫގްލާރ ޑައިރެކްޓްކޮށްފައިވާ ބްލޮކްބަސްޓަރ ސުޕާރހީރޯ ފިލްމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފުކަންވެސް ފާހަގަކޮށްލެވެއެވެ.

އާންމުކޮށް ސުޕާރހީރޯ ފިލްމުތަކަކީ އިނާމު ދިނުމުގެ މޫސުން އައިސްޖެހޭއިރު ސިނަމާއާގުޅޭ ފަރާތްތަކުން ހަނދާން ނައްތާލާ އުފެއްދުންތަކެކެވެ. އެހެންނަމަވެސް "ބްލެެކް ޕެންތާރ" އިން ދަނީ އެކި އިނާމްތަކަށް ނޮމިނޭޓްވަމުން، އެވޯޑް ހަފްލާގައި ވިދާލަމުންނެވެ.

އޮސްކާ އެވޯޑްތަކަށްވެސް ކުރިމަތިލާ "ރޯމާ"، "ދަ ފޭވަރިޓް"، "ބްލެކްކްލޭންސްމަން"، "ބޮހީމިއަން ރެޕްސޮޑީ" އަދި "އަ ސްޓާރ އިސް ބޯން" ފަހަތަށް ޖައްސާލާ "ބްލެކް ޕެންތާރ" އިން ހާސިލްކުރި މި އެވޯޑާއި ހަވާލުވީ އެ ފިލްމުގެ ލީޑް ރޯލް އަދާކުރި ޗެޑްވިކް ބޯސްމަންެއެވެ. އަދި އޭނާއާއެކު ފިލްމުގެ އެހެން މުހިންމު ރޯލްތަކުން ފެނިގެންދިޔަ ތަރިންވެސް ވަނީ ސްޓޭޖްމަތިން ދައްކާލާފައެވެ.

ފާއިތުވި 12 އަހަރުތެރޭ، "ސްކްރީން އެކްޓާރސް ގިލްޑް އެވޯޑްސް" ގައި "އެންސެމްބަލް" އިނާމް ހާސިލްކުރި ފިލްމތަކުގެ ތެރެއިން، ދެބައިކުޅަ އެއްބައި ފިލްމުތަށް ވަނީ އޮސްކާރ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ ކެޓަގަރީއިން އިނާމު ލިބިފައިކަންވެސް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް