ސްޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް ޢައްޔަން ކުރި ފަނޑިޔާރުންގެ ނަންތައް އިޢުލާންކޮށްފި
ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނިންމުންތައް ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށްފިއެވެ.
މިކަމާއި ގުޅިގެން ޖޭއެސްސީއިން ނެރެފައިވާ ނޫސް ބަޔާނުގައި އަލަށް ޢައްޔަނުކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ 2023 މާރިޗު 13 ވާ ހޯމަ ދުވަހު ކަމަށް ބުނެފައިވެއެވެ.
އެގޮތުން ދިވެހިރާއްޖެގެ ހައިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވިފައިވަނީ ސިޔާމާމަންޒިލް އއ. ފެރިދޫ، އަޙްމަދު ޝަކީލްއެވެ. މިކަން ނިންމާފައިވަނީ 2023 މާރިޗް 5 ގައި ބޭއްވުނު ޖޭއެސްސީގެ 19 ވަނަ ބައްދަލުވުމުގައި ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
މިވަގުތު އަލްއުސްތާޛު އަޙްމަދު ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައެވެ.
ހައިކޯޓްގެ ފަނޑިޔާރުގެ އިތުރުން ދެންހުރި ކޯޓްތަކަށް އައްޔަން ކުރެވިފައިވާ ފަނޑިޔާރުންގެ މައުލޫމާތު ތިރީގައި މިވަނީއެވެ.
ކްރިމިނަލް ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް 10 ޖަނަވަރީ 2023 ގައި ޖޭއެސްސީއިން ކުރެވުނު އިޢުލާނުގެ ދަށުން ކްރިމިނަލް ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ސ.މަރަދޫ، އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އަލްއުސްތާޛު އިބްރާހީމް ޛިހުނީއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ފެބްރުއަރީ 05 ދުވަހު ބޭއްވުނު ޖޭއެސްސީގެ 10 ވަނަ ބައްދަލުވުމުގައި ނިންމައިފައިވާކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް 07 ޖުލައި 2022 ގައި ކުރެވުނު އިޢުލާނުގެ ދަށުން ކްރިމިނަލް ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ރ.ރަސްގެތީމު، ގުލާބީގެ، އަލްއުސްތާޛާ އާމިނަތު އަޒްލިފާއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ފެބްރުއަރީ 8 ދުވަހު ބޭއްވުނު ޖޭއެސްސީގެ 11 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އަލްއުސްތާޛު އިބްރާހީމް އިޙްސާންއަކީ 2018 އޮކްޓޫބަރު 29 ވަނަ ދުވަހު މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވި، މިވަގުތު ގއ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމް އަދާކުރައްވަމުންދާ ފަނޑިޔާރެކެވެ. އަދި ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުމުގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން އަލްއުސްތާޛު އިބްރާހީމް އިޙްސާންވަނީ ލީގަލް އޮފިސަރއެއްގެ ގޮތުގައި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރައްވާފައެވެ.
އަލްއުސްތާޛު އިބްރާހީމް ޛިހުނީ ވަނީ މިސްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއިން ބެޗްލަރ އޮފް އާރޓްސް އިން ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު އިބްރާހީމް ޛިހުނީ އަކީ 2013 ފެބްރުއަރީ އިން ފެށިގެން ލީގަލް މަސައްކަތުގައި އެމް.ޑަބްލިއު.އެސް.ސީ އަދި 2014 ވަނަ އަހަރުން ފެށިގެން ޑްރަގް ކޯޓުގައި ލީގަލް އޮފިސަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 ޖަނަވަރީ 20 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަލްއުސްތާޛު އިބްރާހީމް ޛިހުނީ ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ ގޮތުގައެވެ.
އަލްއުސްތާޛާ އާމިނަތު އަޒްލިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) އަދި ވިލާކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ހާސިލްކުރައްވާފައެވެ. އަލްއުސްތާޛާ އާމިނަތު އަޒްލިފާ އަކީ 2012 ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި މަސައްކަތްކުރެއްވިއެވެ. 2015 އޭޕްރީލް އިން ފެށިގެން އަލްއުސްތާޛާ އާމިނަތު އަޒްލިފާ އަކީ ކްރިމިނަލް ކޯޓުގައި ލީގަލް އޮފިސަރގެ މަޤާމް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.
ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް 15 އޮގަސްޓް 2022 ގައި ޖޭއެސްސީއިން ކުރެވުނު އިޢުލާނުގެ ދަށުން ސިވިލް ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ގދ.ފިޔޯރީ، ސަންޑަލްވޫޑް، އަލްއުސްތާޛު ސިނާން ޢަލީއެވެ.
އަދި ސިވިލް ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް 24 އޮގަސްޓް 2022 ގައި ޖޭއެސްސީއިން ކުރެވުނު އިޢުލާނުގެ ދަށުން ސިވިލް ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ހދ.ފިނޭ، ދެތަނޑިމާގެ، އަލްއުސްތާޛު ފައިޞަލް އާދަމް އާއި ސ.ހިތަދޫ، ސައިފަތްމާގެ، އަލްއުސްތާޛު އަބްދުالله އިޙްސާންއެވެ.
އެހެންކަމުން މި ބޭފުޅުން ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ފެބްރުއަރީ 15 ދުވަހު ބޭއްވުނު ޖޭއެސްސީގެ 13 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އަލްއުސްތާޛު ސިނާން ޢަލީއަކީ ވިލާ ކޮލެޖްއިން ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2015 ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް އަލްއުސްތާޛު ސިނާން ޢަލީ ހުންނެވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ.
އަލްއުސްތާޛު ފައިޞަލް އާދަމް އަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 އޮކްޓޫބަރުން 2020 ފެބުރުވަރީއަށް ޑިޕާޓްމަންޓް އޮފް ޖުޑީޥަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރގެ މަޤާމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އަލްއުސްތާޛު ފައިޞަލް އާދަމް މަސައްކަތްކުރައްވަމުންދަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމުގައެވެ.
އަލްއުސްތާޛު އަބްދުالله އިޙްސާން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ހާސިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު ޢަބްދުالله އިޙްސާންއަކީ އައްޑޫ ކައުންސިލްގެ އިދާރާގައި 2016 ވަނަ އަހަރުން ފެށިގެން ލީގަލް އޮފިސަރއެއްގެ ހައިޞިއްޔަތުން މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް 24 އޮގަސްޓް 2022 ގައި ކޮށްފައިވާ އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވެއެވެ.
އެގޮތުން ލަފާ އަރުފައިވަނީ ގްރޭލައިޓް، ލ.މާމެންދޫ، އަލްއުސްތާޛު މުޙައްމަދު ފަޒީޙު ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށާއި ދޯދި، ހދ.ނޮޅިވަރަން،އަލްއުސްތާޛު އަޙްމަދު ނިޔާޒް ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށާއި ގެމަނަ، ގއ.ގެމަނަފުށި، އަލްއުސްތާޛު އަޙްމަދު ރޫޙުالله ޝިޔާމް ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރުމަށެވެ.
އަދި ކޯނަރ، މ.ވޭވަށް، އަލްއުސްތާޛު ޔާސިރު މުޙައްމަދު ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކަމުން، މ.މުލައް މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށެވެ.
އެހެންކަމުން މިކަން ކުރުމަށް ނިންމާފައިވަނީ 2023 މާރިޗު 05 ދުވަހު ބޭއްވުނު ޖޭއެސްސީގެ 19 ވަނަ ބައްދަލުވުމުގައި ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ފަޒީހުއަކީ ވިލާކޮލެޖްއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފްޝަރީޢާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އަލްއުސްތާޛު އަޙްމަދު ނިޔާޒުއަކީ ޤާނޫނީ ދާއިރާއިން ވިލާކޮލެޖްއިން ބެޗެލަރ އޮފް ޝަރީޢާ ވިތް އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޤާނޫނީ ވަކީލްކަމުގެ ހުއްދަ ލިބުނު ފަހުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤާނޫނީ ވަކީލެއްގެ ޙައިޞިއްޔަތުން ދަ ލިޓިޖަންޓްސް މޯލްޑިވްސްގައެވެ.
އަލްއުސްތާޛު އަޙްމަދު ރޫޙުالله ޝިޔާމްއަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހާސިލްކުރައްވާ އަދި މާސްޓަރ އޮފް ޝަރީޢާ ވިލާ ކޮލެޖްއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިވަގުތު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ލީގަލް އޮފިސަރގެ މަޤާމް އަދާކުރައްވަމުންދާ ބޭފުޅެކެވެ.
އަލްއުސްތާޛު ޔާސިރު މުޙައްމަދު ވަނީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ހާސިލްކުރައްވާ އަދި މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ވިލާކޮލެޖުން ހާސިލްކުރައްވާފައެވެ. އަލްއުސްތާޛު ޔާސިރު މުޙައްމަދު އަކީ މިވަގުތު އިސްމެޖިސްޓްރޭޓް މަޤާމް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists