ކޯޕާ އިޓާލިއާ މުބާރާތުން ޔުވެންޓަސް ކަޓައިފި

31 Jan 2019 | 11:23

ކޯޕާ އިޓާލިއާގައި ރޭ އެޓްލާންޓާ އަތުން 3-0 ކުން ބަލިވެ މުބާރާތުގެ ޑިފެންޑިންގ ޗެންޕިއަން ޔުވެންޓަސް ކަޓައިފިއެވެ.

މި މެޗުގައި ކޮލޮމްބިއާގެ ތަރި ޒަޕާޓާ އެޓްލާންޓާއަށް ދެ ލަނޑު ޖަހައިދިންއިރު އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ކަސްޓަގްނޭއެވެ.

އަލެގިރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސް މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާއިރު އެޓްލާންޓާއަައި ދެކޮޅަށް ރޭ ޔުވެންޓަސް ނެރުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޑިބާލާ ހިމަނައިގެން ވަރުގަދަ ޓީމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އިޓީލީ ލީގުގައި މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައިނުވާ ޔުވެންޓަސްގެ ފަރާތުން އެޓްލާންޓާއަައި ދެކޮޅަށް ފެނުނީ ވަރަށް އާދައިގެ ކުޅުމެއް ދެއްކި ތަނެވެ.

މެޗުގެ ކަންތައް ހިނގަމުންދިޔަ ގޮތާމެދު ނުރުހުން ފާޅު ކުރަމުން ގޮސް ޔުވެންޓަސްގެ ކޯޗް އަލެގިރީ ލައިގެން ހުރި ކޯޓް ދަނޑަށް އެއްލުމުގެ ސަބަބުން އޭނާ ދަނޑުމަތިން ބޭރުކޮށްލި މަންޒަރުވެސްވަނީ ފެނިގެންގޮސްފައެވެ.

މި މުބާރާތުގަ ކުޅުނު އަނެއް މެޗުގައި ފިއޮރެންޓީނާވަނީ ވަރުގަދަ ރޯމާ އަަތުން 7-1 ގެ ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ޔުވެންޓަސްގެ މައްޗައް ކާމިޔާބު ހޯދި އެޓްލާންޓާ ސެމީފައިނަލުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ފިއޮރެންޓީނާއާއެވެ. 

Advertisement

ކޮމެންޓް