ބަލިވުމުން ޗެލްސީ ކުޅުންތެރިން ޑްރެސިންގ ރޫމްގަ އެތައް އިރަކު ބައިތިއްބައިފި

31 Jan 2019 | 12:24

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އަދި ބޯންމައުތް ބައްދަލުކުރި މެޗުން 4-0 ގެ ބޮޑު ތަފާތަކުން ޗެލްސީ ބަލިވުމުން އެޓީމުގެ ކޯޗް ސަރީ ކުޅުންތެރިން ޑްރެސިންގ ރޫމްގައި 40 މިނެޓަށްވުރެ ގިނަ އިރު ބައިތިއްބައިފިއެވެ.

ބޯންމައުތްއައި ދެކޮޅަށް ކުޅެ ޗެލްސީއިން ނެރުނު ނަތީޖާއަކީ ފާއިތުވި 23 އަހަރުތެރޭ ލީގައި އެ ކްލަބްވީ އެންމެ ބޮޑު ބައްޔެވެ.

ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ޗެލްސީ ކުޅުނު ނަމަވެސް އެޓީމުގެ ފަރާތުން މެޗުގައި ފެނިފައިވަނީ ވަރަށް މަޑުޖެހިފައިވާ ކުޅުމެކެވެ. މިއާ ހިލާފަށް ބޯންމައުތްވަނީ އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާ ޗެލްސީ ކޮޅަށް ހަތަރު ލަނޑު ވައްދާލާފައެވެ.

ކިންގް (ދެ ލަނޑު)، ބްރޫކްސް، އަދި ޑެނިއަލްސް ބޯންމައުތްގެ ލަނޑުތައް ޖަހައިދިންއިރު ޗެލްސީގެ ޑިފެންސް އޮތީ މުޅި މެޗުގަ ކަހަލަ ގޮތަކަށް ނިދާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ސަރީ ބުނީ އޭނާއަށް އޭނާގެ ކުޅުންތެރިން ރަނގަޅަށް މޯޓިވޭޓް ނުކުރެވެނީކަމަށް ވެދާނެ ކަމުގައެވެ.

ޗެލްސީއިން ފުރަތަމަ ހާފުގަ ދެއްކި ކުޅުމަށް ބަލާަފަ އެޔަށްވުރެ ދަށް ކުޅުމެއް ދެވަނަ ހާފުގަ ފެނިގެންދާނެކަމަށް ހީ ނުކުރާކަމުގައި ކަމަށްވެސް ސަރީ ބުނެފައިވެއެވެ.

މެޗަށް ފަހު ގިނައިރުތަކެއް ކުޅުންތެރިން ޑްރެސިންގް ރޫމްގައި މަޑުކުރުވައިގެން ހުރީ ކީއްވެގެންތޯ ސުވާލު ކުރެވުމުން ސަރީ ބުނީ އިތުރު ބަޔަކު ނުލާ ކުޅުންތެރިންނާއެކު ވާހަކަ ދައްކަން ބޭނުންވީ ކަމަށެވެ.

އެންޓޯނިއޯ ކޮންޓޭގެ ބަދަލުގައި ޗެލްސީއަށް އިރުޝާދު ދިނުމަށް ގެނައި ސަރީ އެޓީމަައި ހަވާލުވެގެން ކުޅުނު ފުރަތަމަ 12 މެޗުންވަނީ ބަލިނުވެ ހިފަހައްޓާލާފައެވެ. ނަމަވެސް ޗެލްސީ އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެޓީމްވަނީ 4 މެޗުން ބަލިވެފައެވެ. 

ލީގުގައި ރޭ ލިވަޕޫލް އަދި ލެސްޓާ ވާދަކުރި މެޗް ނިމުނީ 1-1 ކުން އެއްވަރުވެގެންނެވެ. ތާވަލުގެ އެއްވަނަައިގަ އޮވެ ލީޑް ފުޅާ ކުރަން ލިބުނު ރަނުގެ ފުރުސަތު ލިވަޕޫލް ގެއްލުވާލިއިރު ޓޮޓެންހަމްވަނީ ވޮޓްފޯޑް އަތުން މޮޅުވެފައެވެ.

Advertisement

ކޮމެންޓް