ރައީސް މައުމޫންގެ ސިޓީއެއް އީސީއަށް

02 Oct 2018 | 16:49

ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު ބޭއްވި ކުއްލި ކޮންގްރެސް ބަލައި ނުގަތުމަށް އެދި ރައީސް މައުމޫން އިލެކްޝަން ކޮމިޝަނުގައި އެދިވަޑައިގެންފިއެވެ.

މިއަދު އީސީއަށް މައުމޫން ފޮނުއްވި ސިޓީފުޅުގައި ކޮންގްރެސް އަކީ ކަނޑައެޅިގެން އަސާސީ ޤަވާއިދާ އަދި އެޕާޓީގެ އިންތިހާބު ތަކާއި ބެހޭ ޤަވާއިދާ އެހެނިހެން ޤަވާއިދު ތަކާއި ފާޓީގެ އުސޫލްތަކާއި ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށެވެ.

އަސާސީ ގަވައިދުގައިވާ ކައުންސިލް ވަނީ 2018 ގެ ނިޔަލަށް އުވިފައި ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. އެހެން ކަމުން ހާއްސަ ގޮތުން ބާއްވާ ކޮންގްރެސް ބޭއްވޭން ޤަވައިދުގައި ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތައް ފާސްކޮށްގެން ކަމަށާއި، ނަމަވެސް މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލަކީ އަސާސީ ޤަވާއިދުގެ ދަށުން ސައްހަ ކައުންސިލްއެއް ނޫން ކަމަށް މައުމޫން ގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ޕީޕީއެމް ގެ ކޮންގްރެސްގައި ގިނަ މަގާމްތަކަކަށް ބޭފުޅުން އިންތިހާބު ކުރެވިގެން ދިޔައިރު މިފަދަ އިންތިހާބެއް ކުރިން އޮންނަކަން އިއުލާން ނުކުރުމުން ފުރުސަތު ގެއްލި މަގާމުލިބުމުގެ ފުރުސަތު ޕާޓީގެ ގިނަ މެންބަރުންނަށް ގެއްލިފައި ވާކަންވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމް ގެ ކޮންގްރެސް ގައި ވަނީ ޕާޓީގެ ރައީސް ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިންތިހާބުކުރެވިފައެވެ. އަދި ނައިބުންގެ ގޮތުގައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަޙީމް އަބްދުﷲ، އިކޮނަމިކް މިނިސްޓަރ ސައީދު، އާޒިމާ ސުކޫރު އަދި ޓުރައިޒަމް މިނިސްޓަރ މޫސާ ޒަމީރުވެސް ވަނީ އިންތިހާބުކުރެވިފައެެވެ.

Advertisement

ކޮމެންޓް