މަރުހޫމް ނަދުވީގެ "އަދަބީ ފާޑުކިޔުން" ފޮތް ނެރެފި

06 Feb 2019 | 20:20

މަޝްހޫރު ތާރީހީ އިލްމުވެރިޔާ މުހައްމަދު ވަހީދު (ނަދުވީ) ލިޔުއްވާފައިވާ މަޒުމޫންތައް ހިމަނައިގެން ދިވެހި ބަހުގެ އެކެޑަމީން އެކުލަވާލި "އަދަބީ ފާޑުކިޔުން" ފޮތް ނެރެފިއެވެ.

އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ނަދުވީއަކީ ވަރަށް ތަފާތު ދިރިއުޅުމެއް އުޅުއްވި ތަފާތު މިޖާޒެއްގެ ބޭފޅެއްކަމުގައެވެ. އަދި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚު ދިރާސާކުރުމަށް ނަދުވީ ކުރެއްވި ބުރަ މަސައްކަތްފުޅު ފާހަގަކޮށް ތޯރިގްވަނީ އެކަމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އަދި ދިވެހި އަދަބިއްޔާތަށާއި ތާރީހު ދިރާސާކުރުމަށް ނަދުވީ ކޮށްދެއްވި ހިދުމަތްތަކާއި ތައާރަފުކޮށްދެއްވި ކަންކަމުގެ އަގު ވަޒަން ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ ކުރީގެ ވެރިޔާ އައްބާސް އިބްރާހިމާއި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ އިސްވެރިންނާއި ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިންނާއި، ނަދުވީގެ އާއިލާގެ ބޭފުޅުން އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މިރަސްމިއްޔާތުގައި ވަނީ ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ނަދުވީގެ ހަނދާނުގައި އެކުލަވާލި ތައުޒިޔާގެ ދަފުތަރު އާއިލާއާ ހަވާލުކުރައްވާފަ އެވެ.

Advertisement

ކޮމެންޓް