ރައީސްގެ އަރިހަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިި އޮތް މި ބައްދަލުކުރެއްވުމުގައި ގަވަރުނަރާއި އެމަނިކުފާނުގެ ވަފުދަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެ، ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން ޚާއްޞަގޮތެއްގައި ފަތުރުވެރިކަމާއި، ތަޢުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ކުރިޔަށް އޮތްތަނުގައިވެސް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތުން ދެޤައުމަށް ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާގެ ޔުނާން ޕޮރޮވިންސްގެ ގަވަރުނަރު ވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެކު، ރާއްޖެއާ ޗައިނާ އާއި ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާާޅުވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists