މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނައަށް އަރައިފި

07 Feb 2019 | 06:42

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަދި އެވަޓަން ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސިޓީ ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ސިޓީ ތާވަލުގެ އެއްވަނައިގަ އޮތީ ލިވަޕޫލްއަށްވުރެ އެއް މެޗް އިތުރަށް ކުޅެގެން ފައިދާ ލަނޑުގެ ތަފާތާއެކީއެވެ. ސިޓީ އަދި ލިވަޕޫލްއަށްވެސް މިހާތަނަށް ކުޅެވުނު ހުރިހާ މެޗަކުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

ރޭގެ މެޗުގައި އެވަޓަން ކޮޅަށް ޖެހި ގޯލްތައް ސިޓީއަށް ކާމިޔާބުކޮށްދިނީ އައިމެރިކް ލަޕޯޓް އަދި ގެބްރި ޖީސުސްއެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ޑާވިޑް ސިލްވާ، ހިލޭ ޖެހުމަކުން ފޮނުވާލި ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން ސިޓީ ލީޑް ނެގިއިރު ޖީސުސް ޖެހި ލަނޑުވެސް ފެނުނީ ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައެވެ.

ސިޓީވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އަގުއޭރޯ އަދި ސްޓާލިންގްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން ނުކުތް ނަތީޖާއާއެކު 29 އަހަރުތެރޭ ފުރަތަމަ ފަހަރަށް ލީގު ތަށި ކާމިޔާބު ކުރުމަށް އަމާޒު ހިފާފައިވާ ލިވަޕޫލްއަށްވަނީ އިތުރު ގޮންޖެހުންތަކަކައި ކުރިމަތި ލާން ޖެހިފައެވެ. މިފަހުން މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ ލިވަޕޫލް ކުރިއަށް އޮތް ލީގް މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ބޯންމައުތްއާ ދެކޮޅަށެވެ.

މެޗައި ބެހޭ ގޮތުން ގާޑިއޯލާ ބުނީ ދުވަސް ކޮޅެއް ކުރިން ސިޓީ އޮތީ ލިވަޕޫލްއަށްވުރެ ހަތް ޕޮއިންޓް ފަހަތަގައި ކަމަށައި ނަމަވެސް މިވަގުތު އޮތީ އެއްވަނައިގަ ކަމަށެވެ. މީގެން ދަސްކުރަންވީ ފިލާވަޅަކީ ހިތްވަރު އެލުވާނުލާ ދޫނުދިން ކަމަށްވެސް އޭނާ ބުންޏެވެ. ފާއިތުވެގެން ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސިޓީގެ ކުޅުންތެރިން ދައްކާފައިވާ ހިތްވަރައި ކުޅުމަށް ބަލާފަ އެ ކުޅުންތެރިންނާމެދު އިތުރު ސުވަލުތަކެއް ކުރެވެން ނޯންނާނެ ކަމުގައިވެސް ގާޑިއޯލާ ބުނެފައިވެއެވެ.

ލީގުގެ ކުރިއަށް އޮތް މެޗުގައި ސިޓީ ނުކުންނާނީ ޗެލްސީއައި ދެކޮޅަށެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސިޓީގެ އަމިއްލަ ދަނޑުގައެވެ.

Advertisement

ކޮމެންޓް