ކުރިނބީގެ ޒުވާނުން ފަޅު ރަށެއްގައި ހުރި މިސްކިތެއް ސާފުކޮށްފި

07 Feb 2019 | 22:13

ހދ.ކުރިނބީއަށް ނިސްބަތްވާ ޒުވާނުންކޮޅެއް، އެއަތޮޅުގައި މިހާރު ފަޅުކޮށް އޮތް ކުނބުރުދޫގައި ހުރި މިސްކިތެއް ވީރާނާކޮށް، ގެއްލުން ދީފައިވަނިކޮށް މަރާމާތުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ކުނބުރުދޫ މިސްކިތުގައި ބޭއަދަބީ ބަސްތަކާއެކު އެތައް އެއްޗެއް ލިޔެ، މިސްކިތަށް ފުޅިތޮށި އަޅައި، ކުނިގޮނޑަކަށް ހަދައި، މިސްކިތަށް ގެއްލުންދީފައިވަނިކޮށް އެ މިސްކިތް ހިލޭ ސާބަހަށް ސާފުކޮށް ކުލަލައިދީ ހަދާފައިވަނީ ކުރިނބީގެ ޒުވާނުންކޮޅެކެވެ.

އެރަށުގެ ހަތް ވަރަކަށް ޒުވާނުންގެ ބުރަ މަސައްކަތުން އެ މިސްކިތް ވަނީ ސާފުކުރެވި، ފެންވަޅުން ދިޔަ ހިއްކައި، އަދި ފާރުތަކުގައިވާ ހަޑިހުތުރު އިބާރާތްތައް ފިލުވުމަށްފަހު ކުލަލާ ހަދާފައެވެ.

މި ޒުވާނުންގެ މި ހަރަކާތަށް ކުރިނބީގެ ފަރާތްތަކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް، ކައުންސިލްގެ ނައިބު ރައީސް ޢަބްދުލްފައްތާޙް ޢަބޫބަކުރު، ކައުންސިލް މެންބަރު މުޙައްމަދު ޝާފީ އަދި ބުލްބުލާގޭ ހުސައިން ޝަރީފް، އަމާޒް މުޙައްމަދު ލަތީފް، ފެނަކަ ކުރިނބީ ބްރާންޗުގެ އ. މެނޭޖަރ މޫސާ ނަޛީރު، ރަބީއުގެ ހަސަން މަޢުސޫމް، ދޫރެސް އަޙްމަދު ވަޖީޙް އަދި ސޫރަޖް ޢަލީ ވިސާމްއަށް އެ ޒުވާނުން ވަނީ ޝުކުރު އަދާކޮށްފައެވެ

މި މަސައްކަތް ނިންމާލުމަށްފަހު އެ ޒުވާނުން ވަނީ މިސްކިތަށް ޒިޔާރަތްކުރާ ފަރާތްތަކުން، އެތަން ސާފުކުރުމަށް ފިހިގަނޑެއްވެސް ބަހައްޓާފައެވެ.

Advertisement

ކޮމެންޓް